ހދ. ކުރިނބީގެ ބޮޑެތި މަގުތަކާއި މޫދަށް އެރޭ ސަރަހައްދެއް ހައްދަވައިދެއްވާނެ ކަމަށް ޕީޢެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގައި ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ހދ. ކުރިންބަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވަނީ ކުރިނބީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ކުރިނބީގައި ހެލްތު ސެންޓަރުގެ އާ އިމާރާތެއް އަޅައި ހިދުމަތް ފުޅުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ރޯހައުސް އާއި ފްލެޓަކީ ބިން ނެތްނަމަ، އެންމެ ރަނގަޅު ގޮތް ކަމަށާއި ކުރިނބީގައި ޖާގަ ނެތްނަމަ ރޯހައުސް ނޫނީ ފްލެޓް ވެސް އަޅުއްވައިދެއްވާނެ ކަމަށެވެ. ހަމައެހެންމެ ކުރިނބީގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކޮށް، ބަނދަރު ފުޅާކޮށް ނިންމުމާއި އޮޑިއެހެލާނެ ސަރަހައްދެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވިއެވެ.

އަދި ކުރިނބީ ސްކޫލުގެ މަލްޓިޕާޕަސް ހޯލަކާއި އޮފީސް އިމާރާތް އަދި އިތުރު ކްލާސްރޫމް ހައްދަވައިދެއްވަން ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޒުވާނުންނަށް ޔޫތު ސެންޓަރަކާއި މޫދަށް އެރޭ ސަރަހައްދެއް ހައްދަވައިދެއްވަންވެސް އޭނާ ވަނީ ވައުދު ވެވަޑައިގެންފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.