އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ތާއީދު ކޮށް، އިދިކޮޅާ ގުޅުވާ ރުޅިވެރިކަން އުފައްދާ ނޫސްވެރިންނާއި އެފަދަ ނޫސްވެރިން ހުށަހަޅާ ޕްރޮގްރާމުތައް އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރަން ފަށައިފިއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ތަރުޖަމާން ޕަވަން ކޭރާ ވިދާޅުވީ، ނަފްރަތު އުފައްދާ ބައެއް ނޫސްވެރިން ދައްކާ ވާހަކަތަކަކީ ބާރު ދީ މުޖުތަމައުގެ ހަމަޖެހުން ނަގާލަން ބޭނުން ނުވާ ކަމަށެވެ.

މޯދީ ވެރިކަމަށް ވަޑައިގެން ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ކަމުގެ ވާހަކަތައް ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދައްކަމުން އަންނަތާ ކިތަންމެ ދުވަހެކެވެ.

އިދިކޮޅުގެ 28 ޕާޓީއެއް ގުޅިގެން އަންނަ އަހަރުގެ އާންމު އިތިހާބުގައި ބީޖޭޕީ ބަލި ކުރަން ތައްޔާރުވަމުން ދާ އިރު، ބީޖޭޕީއަށް ތާއީދު ކުރާ ބައެއް ނޫސްވެރިން ގެންދަނީ އިންޑިއާގެ ބައިމަރު މުސްލިމުންނާއި ނަސޯރާއިންގެ މަދުގައި ނަފްތަރު އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި އިދިކޮޅުގެ އެކިއެކި ފަރާތްތަަކަށް ޓާގެޓް ކޮށްގެން ސާބިތު ނުހިފޭ ވާހަކަ ފަތުރާ، އެއީ ތެދުކަން ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ބުނެއެވެ.

އެގޮތުން އިދިކޮޅުން ވަނީ، 14 ނޫސްވެރިއެއްގެ ނަން ފާހަގަ ކޮށް އެމީހުން އުފައްދާ އަދި ހުށަހަޅާ ޕްރޮރްތާމުތައް ބޮއިކޮޓް ކުރިކަން ހާމަކޮށްފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ 161 އިން 180 އަށް އިންޑިއާގައި ވެއްޓިފައި ވާ އިރު މިފަހަކާ ޖެހެންދެން އެންމެ މިނިވަންކޮށް އޮތް އެންޑީޓީވީ ވެސް މިހާރު ވަނީ މޯދީއާ ގާތް ގުޅުމެއް އޮންނަ ބިލިއަނަރު ގޯތަމް އަދާނީ ގަނެފައެވެ.