ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް 'ބިން ނަންބަރު ގުރުއަތު' ނެގުން ބާއްވާނެ ތާރީހް އިއުލާން ކޮށްފިއެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ގުރުއަތު ނެގުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު 21، 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 ގައި މާފުށީ ސްކޫލްގެ ހޯލްގައި ކަމަށެވެ.

މީގެ އިތުރުން މާފުށީ ކައުންސިލުން ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ހުރިހާ ފަރާތްތަކުން ގުރުނެގުމުގައި ބައިވެރިވުމަށް އެދިފައެވެ. އަދި ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޒިރު ނުވާނަމަ ގުރުއަތު ނަގާނީ ކޮމެޓީން ކަނޑައަޅާ ކޮމެޓީގެ މެންބަރުންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް މާފުށީ ކައުންސިލުން ބުނީ ގުރުއަތުލުމުގައި ބައިވެރިނުވެވޭ ފަރާތްތަކުން ބަދަލުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނަން، އައިޑީކާޑު ނަންބަރު، ދާއިމީ އެޑްރެހާއި ގުޅޭނެ ފޯން ނަންބަރު ހިމެނޭ ގޮތުގެ ލިޔުމެއް ސެޕްޓެމްބަރު 20، 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

މަފުށީ ފަޅުގެ ދެކުނު ފަރާތުން ހިއްކާފައިވާ 25 ހެކްޓަރު ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ.