އދ. ހަންޏާމީދޫގައި ހުންނަ، ބޮޑު ތަކުރުފާނުގެ ދަރިކަލުން، ކަލާފާނުގެ ޒިޔާރަތް ތަރައްގީ ކުރުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދ. ހަންޏާމީދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ހަންޏާމީދުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންތައްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ފުރިހަމަ ކަމާއެކު ކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މިހާރު ދިމާވެފައިވާ މައްސަލަތަކުގައި މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ތެރޭގައި ތާރީހާއި ސަގާފަތަކީ މިހާރު ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހަންޏާމީދޫ އަކީ ތާރީހީ މުހިއްމު ބިނާއެއް ހުންނަ ރަށަކަށް ވުމާއެކު އެތަން ހިމާޔަތް ކުރެވޭ ގޮތަކަށް އެތަން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމްގެ ކުރިއެެރުމަކާއެކު ރަށަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް ބައްޓަން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށް އެ މަޝްރޫއު ވެއްޖެނަމަ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށްވެސް އާމްދަނީ އިތުރުވާނެ ކަމަށާއި ތާރީހުގެ މުހިއްމު ބިނާއެއް ރައްކާތެރި ކުރެވިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރެއްގައި އިސްކެމެއް ދެއްވައިގެން އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ހަންޏާމީދޫގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެރަށުގައި ފީފާ ސްްޓޭންޑަޑް އެޕްރޫވް ކުރާ ރަނގަޅު ފެންވަރުގެ ދަނޑެއް ހައްދަވައި ދެއްވާނެ ކަމަމަށާއި ސްކޫލުގެ ޖާގަ އިތުރު ކުރުމަށް ކްލާސް ރޫމު އިތުރުކޮށް މަލްޓިޕާޕަސް ހޯލެއް ވެސް އަޅުއްވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ހަންޏާމީދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ދޯނި އެހެލާ ސަރަހައްދު އެހެން ސަރަހައްދަކަށް ބަދަލު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި ކޮންމެ ފިކުރެއްގެ ކައުސިލެއް އޮތް ނަމަވެސް ކައުންސިލްގެ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ތަރައްގީއަށްޓަކައި ކުރައްވާ ކަންކަން ކުރައްވާނީ އާބާދީގެ ކުޑަ، ބޮޑުމިނަށް ބެލުމެއް ނެތި ކަމަށެވެ.