ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނީ، ދެވަނަ ބުރަށް ކުރާ ކެމްޕެއިން ހަރަކާތްތައް މިއަދު ފަށާފައިވާ ކަމަށާއި އެ ގޮތުން މާލޭގެ ހެންވޭރުގައި ދޮރުންދޮރަށް ކެމްޕެއިން ފަށާފައިވާ ކަމަށެވެ. މި ހަރާކަތުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން ހެންވޭރުގެ ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ އަޑުއައްސަވަމުންނެވެ.
މީގެ އިތުރުން މިއަދު ހެނދުނު ޑރ. މުއިއްޒު ވަނީ މާލޭގެ ދާއިރާތަކުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކާ ވެސް ބައްދަލު ކުރައްވާފައެވެ.
ފުރަތަމަ ބުރުގެ ނަތީޖާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ ޑރ. މުއިއްޒަށެވެ. ނަތީޖާ އިއުލާން ކުރުމުން ރޭ ޕީޕީއެމް އަދި ޕީއެންސީން ވަނީ އާޓިފިޝަލް ބީޗްގައި ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ، ދިވެހިން މި ގައުމަށް އުންމީދެއް ގެނެސްދީފި ކަމަށާއި ދިވެހިންގެ މުސްތަގުބަލު ނިންމާނީ ދިވެހިން އަމިއްލައަށް ކަން ސާބިތުކަމާ އެކު ދިވެހި ރައްޔިތުން ދައްކައިފި ކަމަށެވެ. އަދި މުއިއްޒު ވަނީ އެކަމަށްޓަކައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހިތު ގެ އެންމެ އަޑިން ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން މުއިއްޒު ވަނީ މި ވަގުތު އެންމެން ގައުމީ ފިކުރުގައި އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި ހަގީގަތުގައި ވެސް މި ގައުމުގެ މިނިވަންކަމާއި ދިވެހި ބަހާއި އިސްލާމްދީނާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ކަށްވަރު ކުރުމުގައި ދިވެއްސަކަށް ވީތީ ދިވެއްސެއްގެ ވާޖިބު އަދާކުރުމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ބަޔަކަށް ހެދުމަކީ އަޒުމެއް ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް މުއިއްޒު ކެމްޕެއިން ފައްޓަވާފައިވާ އިރު، ރައީސް ސޯލިހްގެ ފަރާތްޕުޅުން ކެމްޕެއިން ޓީމުން އަންނަނީ ދެވަނަ ބުރުގެ ކެމްޕެއިންނަށް ތައްޔާރު ވުމަށް މަޝްވަރާ ކުރަމުންނެވެ.