ގައުމުގެ މިނިވަންކަން މިދާ ގޮތަށް ދާން ދޫކޮށްލަން ފަސޭހަ ނޫން ކަމަށް ރައްޔިތުން ބުނެފި ކަމުގައި، ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އިޝާރާތް ކުރައްވާ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް ރޭ އާޓިޕިޝަލް ބީޗުގައި "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހިން މި ގައުމަށް އުންމީދެއް ގެނެސްދީފި ކަމަށެވެ. އަދި ދިވެހިންގެ މުސްތަގުބަލު ނިންމާނީ ދިވެހިން އަމިއްލައަށްކަން ސާބިތުކަމާއެކު ދިވެހި ރައްޔިތުން ދައްކުވާދީފި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އެކަމަށްޓަކައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެން ގައުމީ ފިކުރުގައި އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި ހަގީގަތުގައިވެސް މި ގައުމުގެ މިނިވަންކަމާއި ދިވެހި ބަހާއި އިސްލާމްދީނާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ކަށްވަރު ކުރުމުގައި ދިވެއްސަކަށް ވީތީ ދިވެއްސެއްގެ ވާޖިބު އަދާކުރުމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ބަޔަކަށް ހެދުމަކީ އަޒުމެއް ކަމަށެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހަކީ އިއްޔެ [ހޮނިހިރު] އެންމެން ނިންމި ނިންމުމަށް ތަބާވެ، ހިޔާލު އެއްގޮތް ނުވި މީހުންވެސް ހިޔާލު އެއްގޮތްކޮށް އެ ދުވަހަކީ ދިވެހި ގައުމުގައި އެންމެން އެކައްޗެއް ކިޔާ ދިވެހިންގެ ރާއްޖެއަށް ދިއުމަށް ނިންމާނެ ދުވަހަކަށް ވެގެންދާނެ ކަން ޔަގީންވެ ވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބިރުވެރި ދުވަސްތަކާއި ނާމާން ދުވަސްތައް ނިމުމަކަށް ގެންނަން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށާއި ދިވެހި ގައުމަށް ބިރުވެރިކަމެއް، ނާމާން ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ގައުމީ ލޯބީގައި ތެދުވާ ކަމަށެވެ. އަދި މީގެ ކުރިން މާޒީގައި ފެނިފައިވަނީ މުޅިންވެސް އެތަން ކަމަށާއި އިއްޔެވެސް ދިވެހިން ވަނީ ގައުމު އިސްކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގައުމީ ވިސްނުން އިސްކުރަން ޖެހޭ ކަމަށާއި މި ގައުމުގެ ކަންކަމުގެ ތެރެއަށް އެހެން ބަޔަކު ވަދެ ބަސްބުނެ ގޮތް ނިންމާ ހިސާބަށް ދިއުމުން ގައުމުގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ބުނަން ޖެހޭ ކަމަށެވެ.