ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް މިރޭ އާޓިޕިޝަލް ބީޗުގައި "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިއްޔެގެ އިންތިހާބުގައި ވާދަކުރެއްވި އެހެން ހުރިހާ ޕާޓީތަކަށާއި އެހެން ސިޔާސީ ލީޑަރުންނަށް އެކުގައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށް އިހުލާސްތެރި ކަމާއެކު ދައުވަތު އަރުވާ ކަމަށެވެ. އަދި ގައުމީ ވިސްނުން އިސްކޮށް، ގައުމީ ބަހާތަކަށް އިހުތިރާމުކޮށް، ގައުމީ ތަރައްގީގެ އަސާސްތަކާމެދު އެއްބަސްވެ ވަޑައިގަންނަވާ ހުރިހާ ލީޑަރުންނާއި ޕާޓީތަކާއެކު ކުރިއަށް ވަޑައިގެން އެކީގައި މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ އުންމީދަކީ ހުރިހާ ދިވެހިންނަކީ ގައުމު އިސްކޮށް މިހާރު ގައުމަށް ކުރިމަތިވެފައި އޮތް ނާމާންކަމުން ސަލާމަތްވުމަށް އެކައްޗެއް ކިޔާނެ ބައެއްކަމަށްވާނެ ކަމަށެވެ.

"މި ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކީގައި ދައުވަތު އަރުވަން."
ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވީ މި ގައުމުގެ އިގްތިސޯދު ވައްޓާލާފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖަހައިދެއްވާނެ ކަމަށާއި ކޮންމެ ރައްޔިތަކީވެސް ފުދުންތެރި، އަނބުރުވެރި ރައްޔިތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި މިއަދާ ހިސާބަށްވެސް ކެމްޕެއިނުގައި ޕޯޑިއަމް ކައިރި ހުއްޓި ދެއްކި ކޮންމެ ވާހަކައަކީ ވިދާޅުވި ކޮންމެ ޖުމްލައަކީ ހިތުގެ އަޑިން، އަމިއްލަ ނަފްސަށް ޔަގީންކަން އޮވެގެން ދައްކަވާ ވާހަކަތައް ކަމަށާއި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން އޮވެގެން އެކަންކަން ކޮށްދެވޭނެ ގޮތް އެނގިވަޑައިގަންނަވާތީ ދައްކަވާ ވާހަކަތައް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެއިން ކޮންމެ ވައުދެއް ހާސިލު ކޮށްދެއްވާނެ ކަމަށާއި ޔަގީންކަމާއެކީގައި ފުރިހަމަކޮށްދީ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.