ސަރުކާރުގެ އެކިއެކި ނުފޫޒުތަކާއި ފިއްތުންތަކާ އެކު ދިވެހި ލޮބުވެތި ރައްޔިތުން ގައުމީ ފިކުރެއްގައި ނުކުމެ ތި ދެއްކީ ވަރަށް ވަރުގަދަ މިސާލެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޑރ. މުހައްމަދު މުއިއްޒު އަށް 101،180 (46.02 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 85،935 (39.09 ޕަސެންޓު) ވޯޓެވެ. ދެ ބޭފޫޅުންނަށް އެންމެ ގިނަ ވޯޓު ލިބި ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

މިއަދުގެ ވަގުތީ ނަތީޖާއަށް ފަހު ޑރ. މުއިއްޒު ވަނީ މީޑިއާއާ ވާހަކަ ދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ، އޭނާއަށް ރައްޔިތުން ދިން ތާއިދާ ކުރި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެކިއެކި ނުފޫޒުތަކާއި ފިއްތުންތަކާ އެކު ދިވެހި ރައްޔިތުން މިއަދު ދެއްކީ ވަރަށް ވަރުގަދަ މިސާލެއް ކަމަށާއި ހަގީގަތުގައި ވެސް މިއީ ވަރަށް އުފާކުރައްވާ ދުވަހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ ތިން ހަފުތާ މި އޮތީ. އިންޝާﷲ ރައްޔިތުންގެ އިތުބާރާއި ތާއިދާ އެކު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ،"
ޑރ. މުހައްމަދު މުއިއްޒު

ކެމްޕެއިން ކުރަން ލިބިވަޑައިގެންނެވި 28 ދުވަސް ތެރޭ ފެނިވަޑައިގަތީ ރައްޔިތުން މި ސަރުކާރު ބަދަލުކޮށް، އިދިކޮޅާ އެކު ކުރިއަށް ދާން ބޭނުންވެފައި ތިބި ތަން ކަމަށާއި ސަރުކާރުން ވަޒީފާގެ ނުފޫޒުތަކާއި ފިއްތުންތައް ވެސް ކުރިމަތި ކުރަމުން ދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ރައްޔިތުން މިއަދު ނިންމި ނިންމުން އެނގެނީ ގައުމާއިގެން ކުރިއަށް ދާން ބޭނުންވެފައިވާ ތިބިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެވަނަ ބުރުގައި އުއްމީދު ކުރައްވަނީ ވަރަށް ރަނގަޅު ނަތީޖާއަކުން ކާމިޔާބުވާނެ ކަމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުން ގާތަށް ގޮސް، ކެމްޕެއިންކޮށް ކާޟީޔާބީ ހޮއްދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.