ރާއްޖޭގައި ދިވެހި ފިލްމުތައް އަޅުވަން ހާއްސަކުރެވިފައިވާ ހަމައެކަނި ސިނަމާ އޮލިމްޕަހުގެ ޕްރޮޖެކްޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ޖޯކަރު" ދެއްކުން މެދުކެނޑިއްޖެއެވެ.

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަން އިން މި މަހު ފަސް ވަނަ ދުވަހު ސިނަމާގައި އެޅުވި "ޖޯކަރު" ގެ ޕްރިމިއާ ނައިޓްގައި ވެސް އޮލިމްޕަހުގެ ޕްރޮޖެކްޓާ އަށް މައްސަލައެއް ދިމާވެގެން ވަނީ ފިލްމު އެޅުވުން 10 ވަރަކަށް މިނެޓަށް މަޑުޖެހިފައެވެ. ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ "ދަ ޕްރެސް" އަށް ބުނީ ރޭގެ ޝޯ ކެންސަލްކުރަން ޖެހުނު ކަމަށާއި ދެން މި ފިލްމުގެ ޝޯ އެއް ދައްކާނީ މި މަހު 10 ވަނަ ދުވަހުގެ ރެއިން ފެށިގެން ކަމަށެވެ. ޝާނީޒް ބުނީ ޕްރޮޖެކްޓާ އަށް މި މައްސަލަ ދިމާވުމުގެ ސަބަބުން 200 ވުރެ ގިނަ ޓިކެޓްގެ ރީފަންޑް ރުފިޔާ ދޭންޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ ފިލްމުގެ ޝޯ ބަލަން އެހެން ދުވަހަކަށް ބަދަލުކުރަން އެދޭނަމަ ނުވަތަ ރީފަންޑު ބޭނުންނަމަ 7458800 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިޔުން އެދޭ ކަމަށެވެ. މި މައްސަލައާއެކު ސެޓާން ސްޓޫޑިއޯ އިން ކުރި ޕޯސްޓެއްގައި ބުނީ މިކަމުގެ ސަބަބުން ބެލުންތެރިންގެ ފަރާތުން މައާފަށް އެދޭކަމަށެވެ.

ބޮޑު ކާސްޓަކާއެކު އުފެއްދި ފިލްމު "ޖޯކަރު" އަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިއަދުގެ ސިޔާސީ މަޝްރަހު އާ ވެސް ގުޅުވައިގެން މި ފިލްމު ގެނެސްދީފައިވާއިރު މި ފިލްމަކީ ރަހުމަތްތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބަލައިލަން ރަނގަޅު ފިލްމެކެވެ.