ދިވެހިންގެ ފަހުރުވެރި ގައުމަކަށް މި ގައުމު ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތް ނިންމުމަށް އާޓިޕިޝަލް ބީޗުގައި މިއަދު ހަވީރު ފެށި ހަރަކާތް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން ނިންމުމުގެ ބާރު 5 އަހަރުން އެއް ދުވަހު ދިވެހި ރައްޔިތުންގެ އަތްމައްޗަށް ލިބޭ ކަމަށާއި އެ ނިންމުން ނިންމުމަކީ ވަރަށް ބޮޑު ޒިންމާއެއްގެ އިތުރުން ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ ފުރުސަތު މާދަމާ ލިބިގެން ދާއިރު ވޯޓުލާން ދާންވާނީ ފަހުރުވެރި ދިވެއްސެއްކަން ހަނދާނުގައި ބަހައްޓައިގެން، އެކަން ހިތުގައި ބިންވަޅު ނަގައިގެން ކަމަށެވެ. އަދި އެއީ ގައުމު މިހާރު އޮތް ހިސާބުން މުސްތަގުބަލު ނިންމުމުގައި ލިބޭ ފުރުސަތު ކަމަށާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ގައުމީ ވިސްނުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މާދަމާގެ މުހިއްމު ނިންމުން ނިންމުމުގައި ހިތާއި ރޫހުން ވާޖިބު އަދާކުރާ ބަޔަކަށް ވެގެން ތިބެ ދާން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި މުއިއްޒު ވިދާޅުވީ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަންކަން ޔަގީން ކަމާއެކު ހިމާޔަތް ކޮށްދޭތަން އޭނާގެ ފަރާތްޕުަޅުން ފެނިވަޑައިގަންނަވާނެ ކަމަށެވެ.
މުއިއްޒު ވަނީ ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާ ކަމަށާއި ދަރަނި އަރާފައިވާ މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަ ދައްކާފައެވެ. އަދި މި ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޗާފުކުރިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބަށް ދެތިން ދުވަހަށް ވުމުން ކަނޑުންނާއި ޖައްވުން ގޯތި ދިނުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި އޭނާގެ ވެރިކަމެއްގައި ގޯތި ގެދޮރަށް ސަލާން ޖަހަން ޖެހޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.
ރައްޔިތުންގެ އުންމީދު ތަކުގައި ކުލަ ޖައްސައި ދެއްވާނެ ކަމަށާއި މި ގައުމުގައި ހަމަޖެހުން ގާއިމުވާންޖެހޭ ކަމަށާއި ތާ އަބަދު އަނިޔާވެރިކަން ކުރިއަށް ދާކަން ފުރުސަތެއް ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށާއި ޖުޑިޝަރީ މިނިވަން ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.