މި ހަފްތާ ބަންދަށް ހާއްސަކޮށް 100 ރުފިޔާއަށް 100ޖީބީ ޑޭޓާ ލިބޭ ޑޭޓާ ޕެކެއް އުރީދޫއިން ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނީ އުރީދޫ މޯލްޑިވްސް ގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެންގޭ މި ޑޭޓާ ޕެކަކީ ދިގު ހަފްތާ ބަންދަކަށް ވަރަށް ފުރިހަމަ ޕެކެއް ކަމަށެވެ. އަދި އެންމެ 100 ރުފިޔާއަށް ލިބޭ މި ޕެކް އެކްޓިވޭޓް ކޮށްލުމުން 100 ޖީބީ ޑޭޓާ 3 ދުވަހަށް ލިބިގެންދާނެ ކަމަށެވެ.

3 ދުވަހުގެ މި ދިގު ހަފްތާ ބަންދާއި ގުޅުވައިގެން ދަތުރު ކުރައްވާ ބޭފުޅުންނަށާއި ގޭގައި ތިބެގެން ސޯޝަލް މީޑިއާ ބްރައުޒްކޮށް، އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް މައުލޫމާތާއި ހަބަރުތައް އޮންލައިންކޮށް މެދުކެނޑުމެއްނެތި ބަލާލުމަށްވެސް މި ޕެކަކީ އެކަށީގެންވާ ޑޭޓާ ޕެކެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ މި ޑޭޓާ ޕެކް އެކްޓިވޭޓްކުރުމަށް 100ޖީބީ ޖެއްސެވުމަށްފަހު 5555 އަކަށް މެސެޖްކޮށްލައްވާ ނުވަތަ އުރީދޫ އެޕް ނުވަތަ ވެބުން މި ޕެކް އެކްޓިވޭޓްކޮށްލެވޭނެއެވެ. އުރީދޫއިން އިތުރަށް ބުނީ މޯބައިލް ގޭމް ކުޅޭ ފަރާތްތަކަށް ވެސް ގޭމުކުޅެލުމަށް ވެސް މިއީ ފުރިހަމަ ޕެކެއް ކަމަށެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބާއި ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.