ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންފި ނަމަ، މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ، މާލެ އާއި ތިލަފުށި ގުޅުވާލައި ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމަވާލައްވާނެ ކަމުގެ ޔަގީންކަން، މައި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
'ދަ ޕްރެސް' އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، އޭނާ ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރު ނިންމީ ފުށިދިއްގަރުފަޅު މަޝްރޫއުގެ ފޯމު ދޫކުރުމަށް ކަމަށާއި، ދެވަނަ ދައުރަކަށް ޔާމީން 2018 ގައި އިންތިހާބުވެވަޑައިގަތް ނަމަ، ނިންމެވީ ފުށިދިއްގަރުފަޅާއި ގުޅީފަޅު ހިއްކައިގެން ކުރިއަށް ދިއުމަށް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ދިޔަ ނަމަ ޝަރުތު ފުރިހަމަވާ އެންމެނަށް އޮންނާނީ ގޯތި ލިބިފައި ކަމަށެވެ.
ނަމަވެސް ސަރުކާރު ބަދަލުވެ، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މުއްދަތުގައި ވެރިކަމާ ހަވާލުވުމުގެ ކުރިން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެކަމަށް ދެކޮޅު ހެދުމުން ފެނިވަޑައިގަތީ މި މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މަޝްރޫއުގެ އިތުރުން، ޔާމީންގެ ސަރުކާރުން ފެށި އެހެނިހެން މަޝްރޫއުތައް ވެސް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރެއްވި ކަމަށާއި އެކަމަކު އެ މަޝްރޫއުތައް ކެންސަލްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ، މި ސަރުކާރުން ފެށި މަޝްރޫއުތައް މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށެވެ. ކުރީ ސަރުކާރުތަކުން އެއްވެސް ވަރަކަށް މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް، ނުވަތަ މަޝްރޫއެއް ފެށުމަށް އެ ސަރަހައްދަކަށް ތަކެތި ގެންދިއުމަށް ފަހު، މަޝްރޫއުތައް ކެންސަލްކުރުމަކީ ކަމުދާ އުސޫލެއް ނޫން ކަމަށް ވިދާޅުވިއެވެ.
ހަމަ އެއާއެކު ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށް ތިލަމާލެ ބްރިޖު މުހިންމު ކަމަށާއި، ބްރިޖު ހަދައި ނިމުމުން މާލެއަށާއި މުޅި ރާއްޖެ އަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"[ތިލަމާލެ ބްރިޖު] ވަރަށް މުހިންމު، މި ސަރަހައްދު ގްރޭޓާ މާލެ ޑިވެލޮޕްމެންޓު [ގެ ތަރައްގީ އަށް] އަދި މުޅި ރާއްޖެ އަށް ވެސް މުހިންމު، މާލޭން ގޮސް ތިލަފުށްޓާ ހަމައަށް އަދި އޭގެ އެކޮޅަށް ގޮސް ގިރާވަރުފަޅާ ހަމައަށް ގުޅުވާލުމަކީ ރާއްޖެ އަށް ހަމަ ވަރަށް މުހިންމު މަޝްރޫއެއް،" މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ ހީކުރި ވަރަށް ވުރެ މަޑު ދުވެއްޔެއްގައި ކަމަށާއި، އެ މަޝްރޫއުގައި ބައިވަރު މައްސަލަތައް ހުރިކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހުރި އަސްލު މައްސަލަތައް ދެނެގަނެ ބްރިޖުގެ މަސައްކަތްތަކައިގެން ކުރިއަށް ދިއުމުން، ރައްޔިތުންނަށް އެކަމުގެ ފައިދާވާނެއެވެ.
މިދިޔަ މަހު 24 ގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ޔާމީންގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރީ ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއްގައި ކަމަށް ތުހުމަތުކުރައްވައިފައެވެ. މުއިއްޒު ވިދާޅުވީ، ބޮޑު އަގެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް މަޝްރޫއުތައް ހަވާލުކުރީ ހަލުވިކޮށް އަދި ފުރިހަމަ ކޮލިޓީގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން އަދިވެސް އެ ތަނުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފާ ކަމަށާއި، އެގޮތުން އެ ތަނުގެ އޮޕަރޭޝަން ރޫމްތައް ވެސް ފުލް އޮޕަރޭޝަނަކަށް ސަރުކާރުން ގެނެސްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ތަނުގެ ހަގީގީ މަންޒަރު ކުލަވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ބާރު ސްޕީޑުގަ ގެންދިއުމާއި، އޭގެ އިންޖިނިއަރިން ކަންތައްތައް ރަނގަޅަށް ކުރުމާއި، އޭގެ ކޮލިޓީ އެންޑް ޕްރޮޑަކްޓް ރަނގަޅު ކުރުމާއި މިކަހަލަ ހުރިހާ ކަންކަމަކާ ގުޅުވައިގެން އަގު އަންނާނީ،" ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުއިއްޒު ވިދާޅުވިއެވެ.