އިންވެސްޓަރުންގެ އިތުބާރު އަނބުރާ ގެނެވޭނީ، ފައިސާ ޗާޕުކުރުމަށް ހައްލެއް ދެވިގެން ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މުއިއްޒުގެ ސިޔާސަތުގައި ފައިސާ ހޯދައްވާނެ ގޮތާމެދު ވާހަކަ ދައްކަވަމުން ވިދާޅުވީ، މިގައުމުގެ އިކޮނޮމީއާ ދޭތެރޭ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށާއި އައިއެމްއެފްއިން، އަދި ވޯލްޑްބޭންކު ތަންތަނުން ނެރޭ ރިކޮމެންޑޭޝަންތަކުން އެކަން އެނގިގެންދާ ކަމަށެވެ. އެހެން ކަމުން އެއިތުބާރު އަނބުރާ ގެނެވޭނީ ފައިސާ ޗާކުކުރުމަށް ހައްލެއް ދެވިގެން ކަމަށާއި އެމްއެމްއޭއިން ދައުލަތުގެ ރިޒާވް ނަގައިގެން ރިކަރަންޓް ހަރަދުކުރުން، އެކަން ހުއްޓެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ޗާޕުކުރުން ކޮންޓުރޯލުކޮށް، ފޮރިން އެކްސްޗޭންޖް މަޑުމަޑުން ރަނގަޅުކޮށް، ދޮލަރު އަގު މައްޗަށް ގޮސް އޮތް މައްސަލަ ރަނގަޅު ކުރުމާއި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ޑޮލަރު ދައުރު ކުރާނެ ގޮތް އިތުރު ކުރުން ކަހަލަ ކަންތައްތައް ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މިކަހަލަ ކަންތަކަކަށް ކުންފުނި ޒިންމާދާރު ކުރުވާ އެކުންފުނިތަކުން އަމިއްލިއަށް ފައިސާ ރިވެނިއު ހޯދައިގެން އަމިއްލަ ފައިމައްޗަށް ތެދުވާ، އެއްއޯއީސްތަކަށް ހައްދާވަނެ ކަމަށެވެ. އަދި މިކަންކަން ކުރެވޭ ވަރަކުން އިންވެސްޓަރުންގެ އިތުބާރު އަންނަން ފަށާނެ ކަމަށާއި އޭރުން ފައިސާ އިތުރުވާގޮތް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ސޮވިރެންޓް ޑިވަލޮޕްމަންޓު ކިޔާ ފަންޑެއް ޔާމީން އުފެއްދެވި ކަމަށާއި މި ފަންޑަކީ، ޑޮލަރު ޖަމާކުރަން ހަދާފައިވާ ފަންޑެއް ނަމަވެސް މިސަރުކާރުން ކޮންމެވެސް ބޭނުމެއްގައި އެ ޑޮލަރުތައް ނަގާ ބޭނުންކުރަން ފެށި ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެފަންޑަށް ގާނޫނީ ބާރުވެރިކަމެއް ދޭން ގަސްތުކުރައްވާ ކަމަށާއި އެއަށް ޑޮލަރު ޖަމާކުރުމުން 2026 އަންނަން ވާއިރު ދައްކަން އޮތް ބޮޑު ދަރަންޏަށް އެއިން ފައިސާ ރައްކާކުރެވިގެން ދާނެ ކަމަށެވެ. އަދި މިކަމުން އިކޮނޮމީއަށް ކުރިއެރުން އަންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިންވެސްޓު ބޭންކެއް ގެންނަން އިއުލާނު ކުރައްވާފައިވާ ކަމަށާއި އެކަން ކުރެވިއްޖެނަމަ ޕްރައިވެންޓް ސެކްޓާގެ ފަރާތްތަކަށް އަދި ޕަބްލިކް ސެންޓާއަށް ލުއި ލޯނު ލިބިގެންދާނެ ކަމަށް މުއިއްޒު ފާހަ ގަކުރެއްވިއެވެ.
އޭރުން މިހާރު ލިބޭ ރެވެނިއުގެ އިތުރުން ރެވެނިއު އިތުރުކުރެވި އެކި ރަށްރަށުގައި ކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް މާބޮޑަށް ވެސް ފަސޭހަވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ރޭ ކ. ތުލުސްދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕްކުރަނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ. އެގޮތުން މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްުމުން ވެސް އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޖުމްލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕްކުރަނީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބަޔާންކުރާ އެ ކަމާ ގުޅޭ މާއްދާ ސަސްޕެންޑް ކޮށްގެން ކަމަށާއި އެކަން އެ ގޮތަށް ކުރީ ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތު މި ސަރުކާރުން އޮތީމައި އޭގެ ނާޖާއިޒް ބޭނުން ކޮށްގެން ކަމަށެވެ.
މުއިއްޒުގެ ވެރިކަމެއްގައި އިގްތިސާދީ ސިޔާސަތަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށާއި އަދި ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބުނާ މާއްދާ ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލާ، ފައިސާ ޗާޕްކުރުން ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.