އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޓާގެޓަކީ އެއްބުރުން އެ އިންތިހާބު ކާމިޔާބު ކުރެއްވުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން މި އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތާ މެދު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށާއި ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސިޔާސީ ބޭނުމަށް އެކި މީހުން އެކި ނަންބަރުތައް ކިޔާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ޓާގެޓަކީ އެއްބުރުން ކާމިޔާބު ކުރެއްވުން ކަމަށާއި ނަމަވެސް ދެވަނަ ބުރަކަށް ގޮސްފި ނަމަ ވެސް އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އިންތިހާބު އަޅުގަނޑަށް ކާމިޔާބުވާނެ، ރައްޔިތުން ގެ އިތުބާރު އަޅުގަނޑަށް ދެއްވާނެ."
ޑރ. މުހައްމަދު މުއިއްޒު

ސީދާ ކާމިޔާބު ވާނެ ޕަސެންޓޭޖެއް މުއިއްޒު ހިއްސާ ނުކުރެއްވުމުން މިސާލަކަށް 50 ޕަސެންޓް ލިބިވޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެއްވޭތޯ ސުވާލުކުރުމުން މުއިއްޒު ވަނީ "އެއްބުރުން ކާމިޔާބު ވާނީ 50 ޕަސެންޓް ލިބިގެން ނޫން ތޯ؟" މިހެން ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަށްރަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ދަތުރު ކުރައްވާފައިވާ އިރު، ގާތްގަނޑަކަށް 60 އެއްހާ ރަށަށް އޭނާ ވަނީ ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. ކެމްޕެއިނަށް ކުރެއްވި ދަތުރުތަކުން ފެނުނު މަންޒަރަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، ބައެއް ރަށްރަށުން އޭނާއަށް ވަރަށް ބޮޑު ތާއީދެއް އޮތް މަންޒަރު ފެނިވަޑައިގެން ކަމަށާއި، މުޅި ރާއްޖޭގެ މަސްރަހަށް ބާލައިރު، ސީދާ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ޕަސެންޓޭޖް ދަންނަވަން ދަތި ކަމަށެވެ.

"ދެން އަޅުގަނޑަށް ގަބޫލު ކުރެވޭ އެއްބުރުން ކާމިޔާބު ކުރެވިދާނެ. އެކަމަކު ދެވަނަ ބުރަކަށް ގޮސް ގެން ވެސް ކާމިޔާބު ވާނެ އިރާދަ ކުރެއްވިއްޔާ"
ޑރ. މުހައްމަދު މުއިއްޒު

ޕީއެންސީގެ ފަރާތުން މުއިއްޒު އިންތިހާބަށް ކުރިމަތިލައްވަފައި ވަނީ، އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތް ވުމުންނެވެ. އެންމެ ފަހު ވަގުތާ ހަމައަށް އެމަނިކުފާނު ވަނީ އާރަށުގެ މައްސަލައިގައި އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފްކޮށް އެ ހުކުމް ބާތިލްކޮށް އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ މައްސަލަ ބެލުން ފަސްވަމުން ދިއުމުން ސުޕްރީމް ކޯޓަށް އެމަނިކުފާނު ވަނީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލަ ބަލައި ނިމުން އިރު، އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމުމުން ޔާމީން ވަނީ މުއިއްޒު އެންޑޯސް ކުރައްވާ އެމަނިކުފާނަށް ސަޕޯޓް ކުރާ ރައްޔިތުން މުއިއްޒުއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާޙިމް ދާދި ފަހުން ވަނީ މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ވޯތު ލުން ފަށަން 40 ވަރަކަށް ގަޑިިއިރަށް ވަގުތު ކުޑަތަން ވެފައިވާ އިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެންމެ ފަހުގެ ކެމްޕެއިން ހަރަކާތްތައް މި ވަގުތު އަންނަނީ ހިންގަމުންނެވެ. ކެމްޕެއިން ހަރަކާތްތައް ހިންގޭނެ އެންމެ ފަހު ވަގުތަކީ މާދަމާގެ އިރުއޮއްސުމާ ހަމައަށެވެ. އެއަށްފަހު އެއްވެސް ކެމްޕެއިން ހަރަކާތެއް ހިންގުމާއި ކެމްޕެއިން ޖަހަގަ ހުޅުވައިގެން އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.