ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެވިކަމަށް އޮސްޓްރޭލިއާގެ ކުރީގެ ހާރިޖީ ވަޒީރު އެލެކްޒެންޑާ ޑައުނާ ވިދާޅުވެއްޖެއެވެ.

ރައީސްއަށް ޓެގް ކުރައްވާ އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރައީސް ސޯލިހް ވަނީ ޑިމޮކްރެޓިކް، ރީތި ވެރިކަމުގެ އުސޫލުތަކާއި ބައިނަލްއަގްވާމީ އެކި ގުޅުންތައް ދަމަހައްޓަން މަސައްކަތް ކުރަށްވާފައި ކަމަށާއި، އެއްބާރުލުން ދެއްވާފައި ކަމަށެވެ.

މި ސަރުކާރުގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށާއި އެގޮތުން ވަޒީފާގެ މާހައުލުގައި ލިބޭ އިނާޔަތްތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ސާވިސް ޗާޖު ހަމަ ހަމަ ގޮތެއްގައި ބަހައި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް ރައީސް ސޯލިހު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެލެކްޒެންޑާ ވިދާޅުވިއެވެ.

އެލްކްޒެންޑާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް 10 ޕަސެންޓް ސާވިސް ޗާޖު ދޭން ނިންމުމުން އެ ދާއިރާގެ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ ގޮތަށް ރާއްޖޭގައި ވެސް މިހާރު މިނިމަމް ވޭޖް ކަނޑައަޅައޮި އިގުތިސާދީ ހަމަހަމަކަން ގެންނަން ސަރުކާރުން މަސައްކަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެ އަކީ މިހާރު ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް އޮތް ގައުމެއް ކަމަށާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާކަން ވެސް އެލްކްޒެންޑާ ފާހަގަކުރެއްވިއެވެ. އެލްކްޒެންޑާ ވިދާޅުވީ، މިހާރު ރާއްޖެ އަކީ، މުސާރައާ އެކީ މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އާއި އެއް މަހުގެ ޕެޓާނިޓީ ލީވް ދޭ އިސްކާމީ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ.

އެލްކްޒެންޑާ ވަނީ ކުރިއަށް އޮތް އިންތިހާބުގައިގެ ވޯޓު ލާއިރު، ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި، އާންމުން ރަނގަޅު ނިންމުމެއް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.