މާލެ ނޫން ތަނެއްގައި ވަޒީފާ އަދާކުރުމަށް އުޒުުރުވެރިވެ، ވަޒީފާއަށް ނުނިކުމެ ހުރި ކޮންސްޓަބަލް ހަސަން ސައީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ފުލުހުންގެ ވަޒީފާގައި 2005 ވަނަ އަހަރުން ފެށިގެން އުޅެމުން ދިޔަ ހަސަން ސައީދު ވަނީ ފެބްރުއަރީ 8، 2012 ވަނަ ދުވަހު ޑިއުޓީއަށް ނުކުތުމަށް ފަހު ހުއްދަ ހޯދުމެއް ނެތި އޭނާ ވަނީ މާލެ ގޮސްފައެވެ. އަދި އޭނާއަށް އެދުވަހު ޑިއުޓީއަށް ނުކުތުމަށް ތަކުރާރުކޮށް އެދުމުންވެސް ޑިއުޓީއަށް ނިކުމެފައެއް ނުވެއެވެ. އަދި ފަހުން އޭނާ ވަނީ މާލެ ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ހަސަން ސައީދު ވަޒީފާއިން ވަކިކޮށްފައި ވަނީ އޯގަސްޓު 8، 2012 ވަނަ ދުވަހުއެވެ.
ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހަސަން ސައީދު ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅާ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި ކޯޓުން ނިންމުމުގައި ބަލާފައިވާ ކަންކަމުގެ ތެރޭގައި ހަސަން ސައީދު ވަޒީފާގައި ހުރެފައި ހުއްދަ ނުހޯދައި މާލެ ބަދަލުވުމާއި، ވަޒީފާއަށް އަނބުރާ އަންޑުއަށް ދިއުމަށް އުޒުރުވެރިވިކަމާއި އަދި ފުލުހުންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެންދާން އުޅެފިނަމަ އެމީހަކަށް އަދަބު ދެވޭނެކަން ބަޔާން ކޮށްފައިވާ ގާނޫނަށް ވަނީ ހަވާލާދީފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ނޫންކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ
ސިވިލް ކޯޓުގެ ނިންމުމާ ގުޅިގެން ހަސަން ސައީދު ހައިކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާފައި ވާއިރު ހައިކޯޓުންވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ނިންމާފައެވެ. އަދި މި ނިންމުން އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ލާޒިމު އިޖުރާއަތުތަކަށް ބަލައި، އޭނާ ވަޒީފާއިން ވަކިކުުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ވާކަމަށް ނިންމާފައެވެ. އެހެންކަމުން މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.