މާލޭ މާފަންނު ޝީ ބިލްޑިން ކައިރި ހުރި މ. ހައުސް ޕްލާޒާގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށެވެ.

މިއަދު ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެ އިމާރާތުގައި އޮތް ކާރަކަށް ވަނީ ގެއްލުން ވެފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މީހުން ދިރި ނޫޅޭ ގުދަނެއްގެ ގޮތަށް ހަދާފައިވާ އިމާާރާތެއްގައި ހުރި ކުނި ތަކެއްގައެވެ. އަދި މިހާރު ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެގޭގައި އަލިފާނުގެ ހާދިސާ ހިނގި ދެވަނަ ފަހަރެވެ. އަދި އެއީ މީހުން ނޫޅޭ އިމާރާތެއް ކަމުން މަސްތުވާތަކެތި ބޭނުން ކުރުމަށް އެތަނަށް ގިނަ އަދަދެއްގެ ޒުވާނުން ދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިއީ މިއަދުގެ ވަގުތެއްގައި ހިނގާ ދިޔަ ދެވަނަ އަލިފާނުގެ ހާދިސާ ކަމަށް ވާއިރު ރޭ ފަތިހުގެ ވަގުތެއްގައި ވަނީ ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާން ރޯވެ އަނދާ ހުލިވެފައެވެ. އެ ހާދިސާގައި އެ ފިހާރަ ކުރިމަތީގައި ޕާކް ކޮށްފައި ހުރި 15 ސައިކަލުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.