ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކާއި އަދި ހިތާމަތަކެއް ކުރިމަތިވިކަމަށް ގަބޫލު ކުރައްވާކަމަށް މައުމޫންގެ އެންމެ ދޮށީ ދަރިކަލުން ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިސް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތީ މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް ދިން އަނިޔާތަކާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި، އޭރު ހިނގީ އަނިޔާވެރިކަމެއް ނޫން ކަމަށް ވިދާޅުވުމުން ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެންނެވެ.

މި ގޮތުން "މާފަށް އެދެން" މި ނަމުގައި ރޭ ފާރިސްގެ ފޭސްބުކް ޕޭޖުގައި އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ބައްޕާފުޅުގެ ވެރިކަމުގައި ރައްޔިތުންތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމީ ހަގީގަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަނިޔާ ލިބުނު ރައްޔިތުންގެ ކިބައިން ފާރިސް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

" އަދިވެސް މި ހިތާމާގަައި ބަޔަކު ދެމި ތިބި ކަމަކީ އަޅުގަނޑު ގަބޫލުކުރާ ކަމަށް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކަައި ތިޔަބޭފުޅުންގެ އަރިހުން މާފަށް އެދެން،"ފާރިސް

މީގެއިތުރުން، މައުމޫންގެ ވެރިކަމުގައި ހިނގީ އަނިޔާވެރި ކަމެއް ނޫން ކަމަށް ވިދާޅުވެވުނީތީ ވެސް ފާރިސް މާފަށް އެދިވަޑައިގަންނަވަމުން ފާރިސް ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އެ ހުރިހާ ފަރާތްތަކަށް "ތަސައްލީ" އެއް ހޯދައި ދެއްވާނެ ކަމަށެވެ. އަދި ދެން އެފަދަ ކަމެއް ކުރިމަތިނުވާނެ ކަން ކަށަވަރު ކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ހައްދަވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ދިގު 30 އަހަރުވީ ވެރިކަމުގައި ރައްޔިތުންނަށް ގިނަ އަނިޔާތަކެއް ލިބުނު ވާހަކައަކީ އަދިވެސް ތަކުރާރުކޮށް ދިވެހިން ދައްކަމުން އަންނަ ވާހަކައެކެވެ.