އުނގޫފާރަކީ ރ އަތޮޅުގެ ވެރިކަން ކުރާ ރަށްކަން އިހްސާސްވާ ވަރަށް އެ ރަށަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު އުނގޫފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެ ރަށަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވީ ނަމަވެސް އެކަން ރައްޔިތުންނަށް އިހްސާސް ކުރެވޭ ވަރަށް ރަށް ތަރައްގީ ވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ރަށަކީ އަތޮޅުުގެ ވެރިކަން ކުރާ ރަށްކަން ރައްޔިތުންނަށް އިހްސާސްވާ ވަރަށް ރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހް އުނގޫފާރަށްވެ ވަޑައިގެން ވައުދުތައް:

  • ރަށުގެ ބިން ހިއްކުން

  • ހައުސިން ޕްރޮޖެކްޓް ހިންގުން

  • ސްކޫލްއާ އިމާރާތެއް އަޅާ އެއްދަންފަޅިއަށް ބަދަލު ކުރުނަ

  • ހޮސްޕިޓަލްއާއެކު އެކޮމޮޑޭޝަން ބްލޮކެއް ހެދުން

  • ރަށުގެ މަގުތައް ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދައިދިނުން

  • ސިއްހީ ތަމްރީން ފުޅާކޮށް، ވަސީލަތްތައް އިތުރު ކުރުން،

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ވޯޓުލައި ގައުމުގެ ކުރިމަގު ނިންމާނެ ގޮތް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

އުނގޫފާރަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލިި އިރުގައިވެސް ރާއްޖޭގައި އޮތީ ނާމާން ކަމާއި ބިރުވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 2018 ވަނަ އަހަރު އެކަމުން ސަލާމަތް ވެވުނު ކަމަށާއި މިހާރު ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށްވުރެ ވަކި ރަނގަޅު ގޮތެއް ނެތް ކަމަށާއި އެކަން ޔަގީން ކޮށް އެމަނިކުފާނަށް ވޯޓުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށް ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.