އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ އަތޮޅަކީ ޓޫރިޒަމްގެ އެންމެ ގިނަ ފުރުސަތުތައް އޮތް އަތޮޅު ކަމަށާއި އަދިވެސް ޓޫރިޒަމް ފުޅާކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މަތިވެރިއާއި އެ ސަރަހައްދު ހިމެނޭ ގޮތަށް ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިޒަމްގެ އެކި އެކި ފުރުސަތުތައް ފަހިކޮށްދިނުމަކީ އޭނާގެ ސިޔާސަތެއް ކަމަށާއި އެގޮތަށް އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި އެކަމަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ކަމަކީ އެ ސަރަހައްދުގައި އެއާޕޯޓެއް ހެދުން ކަމަށާއި އެގޮތުން މަތިވެރީގެ ފަޅު ތެރޭގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމަކީ ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ މަޝްރޫއަކަށް ވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މަތިވެރީގައި ބިން ހުސްވެފައިވާ ކަމަށާއި ބިން އިތުރުކުރަން ޖެހޭ އިރު އެއާޕޯޓު ހަދާ ބިމާއެކު ރަށަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު ނަތީޖާއެއް ނެރެދިނުމަކީ އެދޭ ގޮތް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ވޯޓުލާން ދާއިރު ފައިސާ ގިނަ ބޭފުޅުން އެހީތެރިކަން ދޭން މަސައްކަތް ކުރާނެ ކަމަށާއި މިނިވަންކަމާއި އަމިއްލަވަންތަކަން މަތިން ހަނދާން ނައްތައިނުލުމަށް އެދިވަޑައިގެންފައެވެ.
އަދި ހޮނިހިރު ދުވަހަކީ ގައުމީ ޖޯޝާއި ރޫހު ރައްޔިތުން ދައްކާނެ ދުވަހެއް ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ގައުމު ސަލާމަތްކުރަން ލިބޭ އެންމެ މުހިއްމު ފުރުސަތު އަދި ފަހު ފުރުސަތަށް ވުން ގާތް ކަމަށް ވިދާޅުވެ އޭނާ ވަނީ މި ފަހަރު ގައުމީ ފިކުރެއްގައި އެކަން ނުކޮށްފިނަމަ ދިވެހި ބަހާއި އިސްލާމް ދީން އަތުން ގެއްލިދާން ކަމަށް ވިދާޅުވިއެވެ.