ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އާއި މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، މުއިއްޒުގެ ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ 8:30 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ދިވެހީންގެ ޖަގަހައަށް އެ ތިން ބޭފުޅުން ވަޑައިގަތް ވަގުތަކީ މާލެއަށް ވާރޭ ވެހެމުންދިޔަ ވަގުތެކެވެ. ނަމަވެސް ވާރޭގައި ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުނަނާއެކު އެ ތިން ބޭފުޅުން ވަނީ ޖަގަހައަށް ވަޑައިގެންފައެވެ. އެ ތިން ބޭފުޅުންނާ އެކު ޖަގަހައަށް ދިޔަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުން ކަން ފާހަގަ ކޮށްލެވެއެވެ.

މެޑަމް ފާތުން (މ) ޕީޕީއެމްގެ ކަނބަލުންނާއެކު / ފޮޓޯ: ޕީޕީއެމް

މެޑަމް ފާތުން ކެމޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުން ހުރިހާ ސަޕޯޓަރުން މަރުހަބާ ކިޔަމުން ދިޔައިރު، އެއް އަޑަކުން އެވަގުތު ޕީޕީއެމްގެ ސަޕޯޓަރުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

އެ ޖަހަގައިގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވަމުން ވާރޭގައި ހިންގަވާފައި އެ ޖަގަހައަށް މެޑަމް ފާތުން ވަޑައިގަތަުމުން ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. އަދި އެކަމަނާ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުން ދޭހަވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވިއަސް ޔާމީން ޕީޕީއެމްއާ އެކުގައި ހުންނެވިކަމުގެ ޔަގީން ކަން ލިބިވަޑައިގެންފި ކަމަށެވެ.

މިއީ ރިޔާސީ ކެމްޕެއިންގައި މުއިއްޒު ވާދަ ކުރައްވަން ނިންމެވި ފަހުން މެޑަމް ފާތުން މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ. މިދިޔަ ރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީންއާއެކު މެޑަމް ފާތުން ވަރަށް އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންފައި ވާއިރު، މިއީ މުއިއްޒުއަށް ބޮޑު ތާއީދެއް ލިބޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފަސްޓް ލޭޑީ ފާތުން ކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ފަހުން އެކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. އޭގެ ފަހުން ސިޔާސީ މަސައްކަތަކުން ވެސް ނުފެނެއެވެ.