ހދ. ވައިކަރަދޫގައި ކާގޯ ފެރީގެ ހިދުމަތް ފަށާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ހދ. އަތޮޅަށް ރައީސް ސޯލިހް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ އަތޮޅުގެ ވައިކަރަދުއަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ އަމާޒަކީ އެ ސަރަހައްދުގެ ދަނޑުވެރިން ހައްދާ ތަކެތި ފަސޭހައިން ތާޒާކަން މަތީ ގެންގޮސް ރަނގަޅު އަގު ލިބޭނެ ގޮތް ހެދުން ކަމަށެވެ. އާރްޓީއެލްގެ ފެރީއާއެކު ރައްޔިތުން އެދޭ ވަރަށް އެ ކަންތައްތައް ފުރިހަމަ ނުވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް އެމްޓީސީ ކާގޯ ފެރީއެއް އެ ސަރަހައްދުގައި ފައްޓަވާނެ ކަމަށެވެ.
ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރު ކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ގާއިމް ކޮށް، ދިވެހި މާރުކޭޓަށާއި ބައިނަލްއަގްވާމީ މާރުކޭޓުތަކަށް އެކްސްޕޯޓް ކުރެވޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ފަޅޯ، ކަރާ އަދި އަނބުފަދަ ތަކެއްޗަކީ ރަނގަޅު ނިސްބަތަކުން އުފެއްދިއްޖެނަމަ އެކްސްޕޯޓްކޮށް ބޭރުގެ މާރުކޭޓުތަކުގައި ވިއްކޭނެ ތަކެތި ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ވައިކަރަދުއަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެތައް ވައުދެއް ރައީސް ވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހް ވައިކަރަދުއަށް ވެ ވަޑައިގެންނެވި ވައުދުތައް:
- ރޯ ހައުސް އެޅުން
- ބޮޑެތި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުން
- އޮއިދެމޭ ގޮތަށް ބަނދަރުގެ ދޮށި ބަދަލުކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުން
- ސްކޭޓް ޕާކެއް އެޅުން
- ޖާގަ ތަނަވަސް އިތުރު މިސްކިތެއް އެޅުން
- ރައްޔިތުން ހައްދާ މޭވާ އަދި ތަރުކާރީ އުފުލުމަށް ކާގޯ ފެރީއެއް ތައާރަފް ކުރުން
މީގެއިތުރުން ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯ ފައިނޭންސިން ލޯނުތަކާއި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން ދޫކުރުމަކީ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.