މި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ނުގޮސް ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ހދ. ކުމުންދުއަށް ވަޑައިގެން އެ ރަށު ބަނދަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ހިންގާފައިވާ ތަރައްގީގެ މަސައްކަތްތަކާ އެކު ރައްޔިތުން ތިބީ ހިންހަމަޖެހިގެން ކަމަށެވެ. އަދި އެކަން އެހެން ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފޯކަސް ކޮށްގެން ކަންކަން ކުރިއަށް ގެންދެވުމުން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ކަންކުރައްވާނީ އެގޮތަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އަމާޒަކީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ސަރުކާރު ނުގޮސް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.
މިދިޔަ ސަރުކާރުގައި ސިޔާސީ ހިޔާލު ތަފާތުވުން ތަކުގެ ސަބަބުން އެތައް ބަޔަކު ޖަލަށް ލާފައިވާ ކަމަށާއި ސަރުކާރުގެ ވަޒީފާގައި ތިބި އެތައް ބަޔަކު ސަރުކާރާ ހިޔާލު ތަފާތުވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށް ނުވަތަ ވަކިން މާދުރު ރަށަކަށް ފޮނުވާލާފައި ވެސް ވާ ކަމަށެވެ. އެގޮތުން ތަފާސް ހިސާބުން ދައްކާގޮތުގައި ސަރުކާރުގައި ވަޒީފާ އަދާކުރި 1،000 އަށް ވުރެ ގިނަ މީހުން އާއިލާއާ ވަކިން ދުރު ރަށްރަށަށް ފޮނުވާލާފައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ބިރުވެރި ކަމެކެވެ. މީގެ އިތުރުން 2018ގެ ރިޔަސީ އިންތިހާބުގައި މާލޭގައި ޖަލްސާއެއް ބާއްވާލާނެެ ތަނެއް ނުލިބިގެން އިހްތިޖާޖު ކުރަން ޖެހުނު ކަމަށާއި ޖަލްސާއެއް ބާއްވާލާނެ ތަނެއް މާލެއިން ލިބުނީ ސަރުކާރަށް އެތައް ޕްރެޝަރެއް ކޮށް ސަރުކާރަށް އިތުރު ގޮތެއް ނެތިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ކުމުންދުއަށް ވެވަޑަިގެން ވައުދުތަކުގެ ތެރޭގައި މުޅިން އާ ބަނދަރެއް ގާއިމް ކުރުމާއި ނެެރު ފައިކަށި ބަދަލު ކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން ހިމެނެއެވެ. އަދި ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ އިތުރުން މަލްޓިޕާޕަސް ހޯލް އެޅުމާއި ކުނި މެނޭޖް ކުރާ މަރުކަޒެއް ގާއިމް ކުރުން ހިމެނެއެވެ.