އަންނަ ރިޔާސީ އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންފި ނަމަ ތ. ގުރައިދޫގައި އެއާޕޯޓަކާއި ހޮސްޕިޓަލެއް އަޅައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ރަށުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށާއި އެއާޕޯޓް ހަދާ އިރު، ބޭނުން ވާ ވަރަށް ޖާގަ އިތުރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު ހިންގަން އެ ރަށުގެ ބިން ހިއްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ސިއްހީ ދާއިރާއިން ވެސް އެ ރަށަށް ބޭނުންތެރި ކަންކަން ކުރަން ޖެހޭ ކަން ފާހަގަ ކުރައްވަމުން އެ ރަށުގައި ހޮސްޕިޓަލެއް އަޅައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތައުލީމީ ނިޒާމަށް ގެނެސްދެއްވާ ތަރައްގީގައި އެ ރަށުގެ ސްކޫލަށް 10 ކްލާސްރޫމް އިތުރުކޮށް މަލްޓިޕާޕަސް ހޯލެއް އަޅައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެރަށަށް ކޮށްދެއްވާނެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އެއާޕޯޓުގެ ވާހަކައެވެ. އެކަމުން އުމްރާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން އެރަށަށް ފައިދާތައް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގުރައިދޫގައި ކުނި މެނޭޖްކުރަން ވެސް ރަނގަޅު ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ހަފްތާ ތެރޭގައި ކެމްޕެއިންނަށް މުއިއްޒު ވަނީ އ. ރ. ބ. ޅ އަދި ލ. އަތޮޅަށް ވަޑައިގެންފައެވެ. ލ އަތޮޅުގެ ދަތުރުގެ އެއްބައި ނިންމެވުމަށް މާލެ ވަޑައިގެން ރިޔާސީ ބަހުސް ނިންމަވާ ތ. އަތޮޅަށް މިހާރު ވަޑައިގެންފައި ވާއިރު، ލ. ގެ ބާކީ ހުރި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް ވެސް އަދި ވަޑައިގަންނަވާނެއެވެ.