މިލިޓަރީ މަސައްކަތަކަށް ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރުއެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތެއްގައި ނެތްކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ތަމްރީނު ޕްރޮގްރާމުތަކަށް ބޭރުގެ ސިފައިން އަބަދުވެސް ރާއްޖެ އަންނަ ކަމަށް ވިދާޅުވަމުން "އަބަދުވެސް ތަމްރީން ތަކަށް އާދޭ. ލަންކާ ސިފައިންވެސް އިންޑިއާ ސިފައިން ވެސް އެމެރިކާ ސިފައިންވެސް އާދޭ" ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެއީ ރާއްޖޭގައި ގާއިމްވެ ތިބޭ ސިފައިން ނޫން ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވި ނަމަވެސް އިންޑިއާގެ ސިފައިން ނެތް ކަމަށް ސީދާ ވިދާޅުވަޑައެއް ނުގަނަނަވައެވެ. ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށާއި، އަދި ހަމައެހެންމެ އެ ގައުމުގެ ސިފައިން ހަތިޔާރާ އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ރައީސް ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
އެ ތުހުމަތުތައް ރައީސް ދޮގު ކުރެއްވި ނަމަވެސް އިންޑއާއެކު ވެފައިވާ އެކި އެބަސްވުންތައް ހާމަ ކުރުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އެ މައުލޫމާތު ފޯރު ކޮށްދީފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ރައީސް ސޯލިހަށް ފަންޑު ކޮށްފައިވާ ވާހަކަތައްވެސް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފައެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ތުހުމަތު ތަކަށް ޖަވާބު ދެއްވުމަށް ރައީސް ސޯލިހަށް ފުރުސަތު ދިނުމުން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ބޭރުގެ ސިފައިންގެ މައްސަލައިގައި އެހެން ބައެއް ކެންޑިޑޭޓުން ވިދާޅުވީ، ސިފައިންނަށް ނުތިބެވޭނެ ކަމަށާއި ތިބި ނަމަ އެބަޔަކު އަނބުރާ ދާން އިހުތިތިރާމަމާ އެކު ދަންނަވާނެ ކަމަށެވެ. އެހެން ބައެއް ކެންޑިޑޭޓުން ވިދާޅުވީ ސިފައިން ތިބި ކަމަށާއި އެކަން ސަރުކާރުން ސިއްރު ކުރާ ކަމަށެވެ.