މިހާރުގެ އިނގިރޭސި ރަސްގެފާނު ޗާލްސްގެ އަންބިކަނޑަލުން ޕްރިންސަސް ޑަޔާނާގެ ލޯބިވެރިޔާ ޑޯޑީ އަލް ފާއިދުގެ ބައްޕަ މުހައްމަދު އަލް ފާއިދު މަރުވެއްޖެއެވެ.
ލަންޑަންގްެ ހޮރޮޑްސް ޑިޕާޓްމަންތް ސްޓޯރާއި، ފުލަމް ފުޓްބޯޅަ ކްލަބުގެވެސް ކުރީގެ ވެރިޔާ، އުމުރުން 94 އަހަރުގައި މަރުވުމާ ހަމައަށް ވެސް އޭނާ ގަބޫލު ކުރަނީ، ޑަޔާނާ އާއި ޑޯޑީ ދުއްވި ކާރު އެކްސިޑެންޓް ކޮށްލައި އެ ދެމީހުން މަރާލީ ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ އަވަހާރަވި ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ކަމަށެވެ.
އޭނާއާ ހަވާލާދީ ބައެއް ރިޕޯޓަކުން ބުނެފައި ވަނީ، ޑަޔާނާ އާއި ޗާލްސް އާ ދެމެދު މައްސަލަތަކެއް ނުވަތަ ނުތަނަވަސްކަމެއް އުފެދުނު ދުވަސް ވަރު ޑަޔާނާ ގެންދެވީ ޑޯޑީ އާ އެކު ވަގުތު ހޭދަކުރައްވަމުން ކަމަށާއި، އަވަހާރަ ކޮށްލި އިރު ޑަޔާނާ އިންނެވީ ޑޯޑީގެ ދަރިއަކަށް އާލާސްވެ ކަމަށެވެ.
އަދި އެކަން ޝާހީ ކޮއިލަށް ބަލައިނުގަނެވުނު ކަމަށާއި ޑަޔާނާ މުސްލިމަކާ ކައިވެނި ބައްލަވައިގަތުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް [ރަސްކަމަށް] ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން ރޭވުމެއްގެ ތެރެއިން އެ ދެމީހުން މަރާލީ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ޑަޔާނާ އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ތަހުގީގު ދިގު ދެމިގެން ދިޔަ އިރު، 2008 ގައި އޮތް ތަހުގީގަކަށް އަލް ފާއިދު ބުނެފައި ވަނީ، ޑަޔާނާ އާއި ޑޯޑީ މަރާލުމުގެ އަޑީގައި ޕްރިންސް ފިލިޕް އާއި ސީއައިއޭ އާއި ލަންޑަންގެ ފުލުހުންގެ އިސް ދެވެރިއަކު ބައިވެރިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.
ޑަޔާނާ އާއި ޑޯޑީ މަރުވި އެކްސިޑެންޓް ހިނގީ އެ ދެމީހުން ތިބި ކާރު ބާރު ސްޕިޑުގައި ދުއްވާފައި ދަނިކޮށް ޕަޕަރީންގެ އުނދަގުލުން ސްލާމަތްވުމަށް އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައެވެ. އޭރު އެ ކާރު ދުއްވަން އިނީ އަލް ފާއިދު ހިންގާ ރިޒް ހޮޓަލްގެ މުވައްޒަފެކެވެ. އަދި އެ އެކްސިޑެންޓު ހިނގީ ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުން ކަމަށް ނިންމާ، އިނގިރޭސި ފުލުހުންނާއި ފްރާންސުން ހިންގި ތަހުގީގުގައި ވެސް ވަނީ ނިންމާފައެވެ.
މުހައްމަދު އަލް ފާއިދަކީ މިސްރަށް ނިސްބަތްވާ ބިލިއަނަރެކެވެ.