އިނގިރޭސި ރަސްކަމުގެ ހުރިހާ ހައްިސިއްޔަތުތަކެއް ދޫކޮށްލައްވައި އެމެރިކާއާއި ކެނެޑާގައި ދިރިއުޅުއްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަންގެ ފަހަތުން ޕަޕަރާޒީން އަޅުވާލައިފިއެވެ.

ގާތްގަނޑަކަށް ދެގަޑިއެއްހާ އިރު ޕަޕަރާޒީންގެ އުނދަގުލުން ސަލާމަތްވެ، މެންހަޓަންގެ މިޑްޓައުންގައި ހުންނަ ޕޮލިސް ޕޯސްޓަކަށް އެ ދެކަނބަލުން ވަޑައިގަތެވެ. އެއަށްފަހު އެތަނުން ޓެކްސީއަކަށް އެރުއްވި ތަނުންވެސް ޕަޕަރާޒީން އަންނަން ފެށުމުން އެ ދެކަނބަލުން ތިއްބެވީ ހާސްވެފައި ކަމަށް ޑްރައިވަރު ބުނެފައި ވެއެވެ.

ޑްރައިވަރު ބުނި ގޮތުގައި، އެދެކަނބަލުން ކާރަށް އަރާވަޑައިގަތުމުން ދުއްވާލި ތަނުން ކުރިމަތީގައި އޮތް ކުނި ލޮރީއާހެދި ކުރިއަށް ނުދެވި 10 ވަރަކަށް މިނެޓް މަޑުކުރަން ޖެހުނެއެވެ. އެވަގުތު އެދެކަނބަލުންގެ މޫނުމަތިން ހާސްކަން ފެނުނު ކަމަށާއި އަނބުރާ ޕޮލިސް ޕޯސްޓަށް ގެންދިޔައީ ކަމަށް ބުންޏެވެ.

އެ ޑްރައިވަރު ބުނީ، 2 ގަޑިއެއްހާ އިރު ޕަޕަރާޒީން އެ ދެކަނބަލުންގެ ފަހަތު އަޅުވާލައިގެން އުޅުމުގެ ސަބަބުން ކާރު އެކްސިޑެންޓް ނުވީ ކިރިޔާ ކަމަށް ބުނެ އޭނާއަށް އިޝާރާތް ކުރާ ވާހަކަ އަކީ ތެދެއް ނޫނެވެ.

ހެރީ އާއި މޭގަން އަދި އެ ދެކަނބަލުން އުލުފި ކާރުގެ ޑްރައިވަރު

ބައެއް ރިޕޯޓްތައް ބުނާގޮތުން، ޕަޕަރާޒީން އެދެކަނބަލުންގެ ފަހަތު އަޅުވާލީ އެ ކާރަށް އަރާވަޑައިގަތުމުގެ މާ ކުރިން، އެ ސިޓީގައި އޮތް ހަފްލާއަކަށް ވަޑައިގަތުމަށް ގެއިން ނުކުމެ ވަޑައިގެންނެވި ހިސާބުންނެވެ. ބައެއް ޕަޕަރާޒީންނާ ހަވާލާދީ ރިޕޯޓް ކޮށްފައި ވާ ގޮތުން، އެމީހުން ފޮޓޯ ނަގަމުން ދިޔައީ ހަބަރާއި މައުލޫމާތުގެ ބޭނުމާއި ޕަބްލިކް ފިގާސް (މަޝްހޫރު ފަރާތްތައް) ގެ ފޮޓޯ ނަގާ އުސޫލުންކަމަށެވެ. އަދި އެކަން ކުރުމުގައި ހެރީގެ ދެކަނބަލުން އިންނެވި ވެހިކަލަށް ހުރަސް އަޅާ، އެކްސިޑެންޓެއްގެ ތުންފަތްމައްޗަށް ނުދާ ކަމަށާއި ފޮޓޯ ނަގަމުން ދިޔައީ އެކަށީގެންވާ ދުރުމިނަކުން ކަމަށް ބުނެއެވެ.

މި ހާދިސާގެ ހަބަރުތައް ސީއެންއެން ފަދަ މަސްދަރުތަކުން މާ ބޮޑުކޮށްލީ ކަމަށާއި، އެ ތުހުމަތު ކުރާ ފަދަ ކަމެއް ނުހިނގާ ކަމަށް ޕަޕަރާޒީން ބުނެއެވެ.

ޕަޕަރާޒީންގެ ހާދިސާއަކާ ދިމާވުމުން ހެރީގެ ދެކަނބަލުން ހާސްވެވަޑައިގެންނެވި އިރު ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާވެސް އަވަހާރަ ވީ ފްރާންސްގައި ޕަޕަރާޒީން އެކަމަނާގެ ފަހަތު އަޅުވާލައިގެން ނުނެއްޓިގެން، އެކަމަނާ އިންނެވި ވެހިކަލް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ތަނބެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އެހާދިސާގެ އަސްލު އަދިވެސް މިސްޓްރީ [ހަގީގަތް ނޭނގޭ] ކަމެއްގެ ގޮތުގައި އޮތް އިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، ޑަޔާނާ އޭރު ބިލިއަނަރު އަލްޑޯޑީ އާ ލޯބީގެ ގޮތުން ގުޅުމެއް ބާއްވާތީ ގަސްތުގައި ބަޔަކު އަވަހާރަ ކޮށްލީ ކަމަށެވެ. އަދި އެކަމުގައި މިހާރުގެ އިނގިރޭސި ރަސްގެފާނު އޭރު ޑަޔާނާގެ ފިރިކަލުން ޗާލްސްގެ އަތެއް ވާކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ނަމަވެސް އެއީ އެކްސިޑެންޓެއް ކަމަށް ބަލައި ހާދިސާގެ ރިޕޯޓް ވަނީ ނިންމާފައެވެ.

ހެރީއާއި މޭގަން އަށް މިހާދިސާ ދިމާވި އިރު ދާދި ފަހުން ހެރީ ވަނީ ރަސްކަމުގެ ކޮއިލުގެ ތެރޭގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި، ރަސްކަމުގެ ތެރޭގައި ހުރި އާންމުންނަށް ނޭނގޭ ބައެއް ވާހަކަތައް ތިލަކުރައްވައި ވާހަކަ ދައްކަވާފައެވެ. އެއީ ހެރީ އާއި މޭގަން ދެކެ ރަސްކަމުގެ ފަރާތުން ނުރުހިދާނެ ކަމެއް ކަމަށް ބައެއް މުރާސިލުން ބުނާ އިރު، ނިއުޔޯކްގައި މި ދިމާވި ހާދިސާގެ ތަހުގީގެއް މިހާރު ދަނީ ކުރަމުންނެވެ.