ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ލައިޓް ރެއިލް (ރޭލު) ތައާރަފް ކުރަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މިރޭ ތައާރަފު ކުރި އުފާވެރި މާލެ މެނިފެސްޓޯގައި މާލޭގެ ގެދޮރުވެރި ކަމުގެ މައްސަލަތަކާއި، ދަތުރުފަތުރުގެ މައްސަލަތަކާއި ޖާގައިގެ ދަތިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހިމަނާފައެވެ. އެ ގޮތުން ތޮއްޖެހިފައިވާ މާލޭގެ ދަތުރުފަތުރުގެ ކަންކަމަށް ހައްލު ހޯދައި ދިނުމަށް ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ދިނުމަށް ހިމަނާފައިވާ އިރު އޭގެ ސަބަބުން ބްރިޖުގައި މިހާރުވެސް ވެހިކަލްތައް ތޮއް ޖެހުން ކުޑަކުރެވިގެން ދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ހަމައެއާއެކު ލައިޓް ރެއިލް ތައާރަފްކޮށް އެ ރޭލުން ގްރޭޓާ މާލޭގެ ސަރަހައްދުތަކަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސުމާއި، ސްކޫލް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސް ތައާރަފް ކުރުމަށް ވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މަގުތައް ތަރައްގީ ކުރުމުގެ ތެރެއިން ހިނގާ މީހުންނަށް އިސްކަންދީގެން ޕެޑެސްޓްރިއަން ފްރެންޑްލީ ރޯޑްސް ތަރައްގީ ކުރުމަށާއި، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހިމަނާފައެވެ. ތޮއްޖެހުން ކުޑަކުރުމަށް މަގުތަކުން ޕާކިން ހުސްކޮށްލުމަށް އެ މެނިފެސްޓީގައި ބުނެފައި ވާއިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ފެސިލިޓީ ހެދުމާއި މޮޓޯ ސައިކަލްތަކަށް ހާއްސަ ނެއިބާހުޑް ޕާކިން ތައާރަފް ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

އުފާވެރި މާލެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން:

  • ގްރޭޓާ މާލެ ސަރަހައްދުގައި އިތުރު އިސްލާމީ މަރުކަޒެއް ގާއިމް ކުރުން
  • މާލެ ސަރަހައްދުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް އިތުރު ސްކޫލްތައް ބިނާ ކުރުން
  • މާލެ ސަރަހައްދުގައި ގައުމީ ޔުނިވާސިޓީތަކުގެ ކެމްޕަހުގެ ގޮފިތަކުން ދެވޭ ހިދުމަތްތައް ފުރިހަމަކޮށް އިތުރު ދަނާލުތައް ގާއިމް ކުރުން
  • ގްރޭޓާ މާލެ ސަރަހައްދުގައި މޫދު ކުޅިވަރަށް ހާއްސަ ތަންތަން ކަނޑައެޅުން
  • އެ ނެއިބާހުޑަކާއި ކައިރިން ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ފުޓްސަލް ދަނޑުތަކާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމް ކުރުން
  • އިންޑޯ ފުޓްސެލް އެރީނާ ގާއިމްކުރުމާއި، ތިލަފުށީގައި ރޭސިން ޓްރެކް ގާއިމް ކުރުން
  • ސްވިމިން ޕޫލްތައް ގާއިމް ކުރުމާއި، އިތުރު އައުޓްޑޯ ޖޮގިން ސްޕޭސް ގާއިމްކުރުން
  • ގްރޭޓާ މާލެ ސަރަހައްދުގައި ފެންވަރު ރަނގަޅު ޗައިލްޑް ކެއާ ހިދުމަތްތައް ގާއިމް ކުރުން

މީގެ އިތުރުން މާލޭގެ ކޮމާޝަލް ހާބަރާއި އަތޮޅު ތެރެއިން މުދާ އުފުލާ މުދާ އަރުވާ ބޭލުމުގެހަރަކާތްތައް ގުޅީފަޅަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ. މިއާއެކު ޒަމާނީ ލޯކަލް މާރުކޭޓަކާއި، މަލްޓި ސްޓޯރީ ޕާކިން ފެސިލިޓީއަކާއި، ތަފާތު އެކި އެންޓަޓެއިންމަންޓް ފެސިލިޓީތަކާއި، ކްރޫސް ޓާމިނަލާއި، ފެރީ ޓާމިނަލާއި، ޝޮޕިން މޯލެއް އަދި ހިތް ފަސޭހަ ހިނގާބިނގާވެ އުޅެވޭނެ ޖާގަ ހިމެނޭހެން އެ ސަރަހައްދު ތަރައްގީ ކުރަން ވެސް ވަނީ ހިމަނާފައެވެ. މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ވެސް ހިމަނާފައިވާ އިރު، ގްރޭޓާ މާލެ ސަރަހައްދުގައި އަމާންކަން ގާއިމް ކުރުމަށްޓަކައި މަގުތައް އަމާންކޮށް ސިޓީ ސާވައިލަންސް ނިޒާމް ގާއިމް ކުރަން ވެސް ވަނީ ހިމަނާފައެވެ.

ވިލިމާލެއަށް ގެނެސްދޭ ތަރައްގީގެ ތެރޭގައި މާލެއެކޭ އެއްގޮތަށް އުސްކޮށް އިމާރާތް ކުރުމަށް ހުއްދަ ދިނުމާއި، ވިލިމާލޭގެ ހޮސްޕިޓަލްގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ގާއިމް ކުރާ ފެސިލިޓީ ވިލިމާލޭގައި ގާއިމް ކުރާނެ ކަމަށް އެ މެނިފެސްޓޯގައި ބުނެފައި ވެއެވެ. އަދި ވިލިމާލެ ބީޗް ސަރަހައްދަކީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހަދައި، އެތަނުގައި ބީޗް ހަޓް، ޗޭންޖިން ރޫމް އަދި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.