މާލޭގައި ކުދި ތަންތަންކޮޅުގައި އުޅޭ ފަރާތްތަކަށް ޖާގަ ތަނަވަސް ބޯހިޔާވަހި ކަމަށް ބަދަލުވުމަށް ފުރުސަތު ހުޅުވާލުމާއެކު މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ ކަންތައްތަކެއް އެކުލަވާލައި އުފާވެރި މާލެ މެނިފެސްޓޯ އިފްތިތާހު ކޮށްފިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގެ 5 ޗެޕްޓާ އެކުލެވިގެން ވަނީ، އުފާވެރި ދިރިއުޅުން، އަމާން މުޖުތަމައު، ޒުވާނުންގެ އާ ޖީލް، އިގްތިސޯދީ ބޮޑު ބަދަލު އަށެވެ. މިރޭ އަލިމަސް ކާނިވަލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބަށް ތައްރާފްކުރި އެމްޑީޕީ މެނިފެސްޓޯގެ ތެރެއިން މާލެއަށް ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތައް ތައާރަފް ކޮށްފައެވެ.

އުފާވެރި މާލޭގެ ނަމުގައި ތައާރަފްކުރި މެނިފެސްޓޯގައި މާލޭގައި ދިރިއުޅޭ 19،000 އަށް ވުރެ ގިނަ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެ ގޮތުން މާލެއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި، މަގުތަކުގެ މައްސަލަތަކާއި ދިރިއުޅުމަށް ހަމަޖެހުން ގެނެސްދޭ ގިނަ ކަންތައްތަކެއް އެ މެނިފެސްޓޯގައި ހިމެނެއެވެ.

އުފާވެރި މާލެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، މާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށްވާ، ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސް ހަދައި، ފަސޭހައިން ކުއްޔަށް ހިފޭނެ ނުވަތަ އަމިއްލަ ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ވަނީ ހިމަނާފައެވެ. ހަމައެއާއެކު ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިން ތައާރަފް ކުރުމާއި، ކުދި ތަންތަންކޮޅުގައި އުޅޭ ފަރާތްތަކުން ޖާގަ ތަނަވަސް ބޯހިޔާވަހިކަމަށް ބަދަލުވުމަށް ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.

ހަމައެއާއެކު، މާލެއިން ލިބުނު ގޯތީގައި ގެދޮރު ބިނާ ކުރުމަށް 6 ޕަސެންޓް އިންޓްރެސްޓް އަދި 10 ޕަސެންޓް އިކުއިޓީއަށް ވުރެ ބޮޑު ނުވާނެހެން ލޯނު ދިނުމާއި، ގޭގެ ބެލެނިވެރިން ދިރިއުޅުމަށް އެކަށޭނަ ޖާގައަށް ގެދޮރު ބިނާކޮށް ދިގު މުއްދަތުން ފައިސާ އަނބުރާ ދެއްކޭނެ އުސޫލެއް ހަމަޖެއްސުމާއި، ގޭގެ ފަރުނީޗަރާއި ހޯމް އެޕްލަޔަންސަސް ހޯދުމަށް ކްރެޑިޓް ސްކީމެއް ތައާރަފް ކުރުމަށް ވަނީ އެ މެނިފެސްޓީގައި ހިމަނާފައެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް ގެދޮރު އިމާރާތްކުރާ ފަރާތްތައް ސެޓިފައިޑްކޮށް ބޯހިޔާވަހިކަން ގަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ބަދަލުގައި އެހެން ބޯހިޔާވަހި ކަމަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އޯނާޝިޕް ބަދަލުކޮށް، ދައްކަން އޮތް މިންވަރެއް ޓްރާންސްފާވާ އުސޫލުން ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަން ދޫކޮށްލެވޭނެ ނިޒާމެއް ތައާރަފް ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

އަދި ގުޅީފަޅު އަދި ގިރާވަރުފަޅުގައި މީހުން އާބާދުވުމަށް ފެނާއި ކަރަންޓާއި ނަރުދަމާ އާއި އެހެނިހެން އަސާސީ ހިދުމަތްތައް އަދި ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ހިމަނާފައެވެ.