މާލޭގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލުގައި "ސްޕިރިޗުއަލް ހީލާ"ގެ ނަމުގައި ކްލާސްތަކެއް ނަގައިދޭން ކަމަށް ބުނެ ރާއްޖެ އައި ހިންދޫ ގުރޫ އަނބުރާ ފޮނުވާލައިފިއެވެ.

އިއްޔެ އެ މީހާ އާއި އޭނާ އާ އެކު އުޅުނު އެހެން މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ބެލުމަށް ފަހު ފުލުހުން ވަނީ، ދެ މީހުން އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް އިއްޔެ ދިން މައުލޫމާތުގައި ބުނީ، މި ކަމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމަކަށް ވާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު މި އަމަލު ހިންގަން އިޝްތިހާރުކުރާ ކަމުގެ މައުލޫމާތު ލިބުމުން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.

ސޯޝަލް މީޑިއާގައި އެ މީހާ ކުރި އިސްތިހާރުގައި ބުނީ، ރޫހާނީ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތުގެ މައުލޫމާތު ސެޝަންތަކެއް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ މީހުން ބުކިން ހަދާނެ ނަންބަރާއި ހަރަދުކުރަން ޖެހޭ ވަރު ހިމަނާފައިވެއެވެ.

އުނިމާ ގްރޭންޑް ހޮޓަލުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އެ ތަނުގެ އުސޫލުތަކާ ހިލާފުވުމުން ހިންދޫގެ ގުރޫ އާއި އޭނާ އާ އެކު އުޅުނު މީހާ ޗެކްއައުޓް ކޮށްފައިވާ ކަމަށާއި، އޭނާ އިސްތިހާރު ޖެހީ އެތަނަށް އެނގިގެން ނޫން ކަމަށެވެ.