4000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ޅ. ނައިފަރަށް 45 ހެކްޓަރުގެ ބިން ހިއްކަވައި 85 ގޮއްޗާއި 400 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ޅ. ނައިފަރަށް ވަޑައިގެން މިހާރު އެ ރަށުގައި ކުރިއަށް ދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނައިފަރަކީ 900 އެއްހާ މީހުންނަށް ގެދޮރުވެރިކަން ބޭނުން ވާ ރަށެއް ކަމަށާއި، އެ ރަށުގައި މިހާރު އޮތް ހުސް ބިމުގައި ގެދޮރުވެރިކަން ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ރަށުގައި މިހާރު އޮތް ބިމުން 85 ގޯތި ދެވޭނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭންގައި އެ މަސައްކަތް ކުރަން ނިންމާފައި އޮތް ނަމަވެސް މި ސަރުކާރުން އެކަން ވަނީ ހިފަހައްޓާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން 85 ގޯތި ދެއްވާނެ ކަމަށާއި އަދި އިތުރު 400 ހައިސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެގޮތަށް ނިންމީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ބައްލަވާފައި ކަމަށާއި އެބިމުގެ އިތުރުން 45 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއަކީ ކުރެވޭ އިންވެސްމަންޓެއް ކަމަށާއި އެއީ ބޭކާރު ހަރަދެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގައުމު ހިންގޭނީ ހަރަދު ކޮށްގެން އިންވެސްޓް ކޮށްގެން ކަމަށާއި އެއީ ކުރިމަގަށް ބަލައި ނަފާ ލިބޭނެ ގޮތްތަކަށް ބަލައިގެން ނިންމާ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއްގޮތަކަށް ވެސް ޕޯޑިއަމްތަކަށް ވަޑައިގެން ހުންނަވާ އެފަދަ ވައުދުތައް ވެވަޑައިގަންނަވަނީ ކޮންމެހެން ވޯޓު ހޯއްދެވުމުގެ ނިޔަތުގައި ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ނައިފަރުގައި ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށާއި އައިސް ޕްލާންޓެއް ވެސް ގާއިމްކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނައިފަރަކީ އިގްތިސޯދުގައި އެންމެ ބޮޑަށް ހިއްސާ ކުރާ ދާއިރާ، މަސްވެރިކަން ކުރާ ގިނަ ބަޔަކު އުޅޭ ރަށެއް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ މަސް ވެރިކަމުގެ ސިނާއަތް ވަނީ ވަޅު ޖަހާފައި ކަމަށާއި އިރާދަކުރެއްވިއްޔާ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖައްސަވާނެ ކަމަށެވެ.
މީގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށް ނައިފަރުގައި ހަދާފައިވާ ފުޓްބޯޅަ ސްޓޭޑިއަމް ވޯލްޑްކަޕް ފެންވަރުގެ ދަނޑްކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ޒުވާނުންނަށް ބޭނުންވާ އެކި ކުޅިވަރު ފެސިލިޓީތައް ގާއިމް ކުރުމައްޓަކައި ރަނގަޅު ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމަށާއި އެތަނުގައި އިންޑޯ އަދި އައުޓްޑޯ ކޯޓްތައް ގާއިމް ކޮށްދެއްވަން ވެސް އޭނާ ވަނީ ވިދާޅުވިއެވެ. ތައުލީމީ ނިޒާމް ވަރުގަދަ ކުރުމުގެ ގޮތުން ނައިފަރުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކޮށްދެއްވައި އެ ރަށުގައި އިސްލާމީ މަރުކަޒެއް އަޅައި ދެއްވުމަކީވެސް މުއިއްޒުގެ ވައުދެކެވެ.