ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރުން އަޣުލަބިއްޔަތު ނެގުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި، އެކަމަކު އިންތިހާބުގައި އެ ރަށުން އަޣުލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ރައީސާ އެންމެ ވާދަވެރި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ތިބި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މި ފެށޭ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ނަގާ ވޯޓަކީ ހަމައެކަނި ރައްޔިތުންގެ ކަންކަން ފުއްދައިދޭނެ ފަރާތެއް ހޯދަން ނަގާ ވޯޓެއް ނޫން ކަމަށާއި، އޭގެ އިތުރުން ގައުމުގެ މުހިންމު ބަހާތައް ހިމާޔަތްކުރުމަށް ނަގާ ވޯޓެއް ކަމަށެވެ.

މިދިޔަ ފަސް އަހަރު ހިންނަވަރަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނުވާ ކަމަށާއި، އެހެންކަމުން މަގު ހެދުމާއި ގޯތި ދިން ތަންތަނަށް ފެނާއި ނަރުދަމާ ލުމުގެ އިތުރުން އެ ރަށަށް އުމްރާނީ ތަރައްގީ ގެނެސްދެއްވާނީ އޭނާގެ ސަރުކާރަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ފަތުރުވެރިކަމާއި އާމްދަނީ ހޯދުމާ ގުޅިފައިވާ ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަމޭ، ޔަގީންކަމާ އެކީ ކޮށްދޭނަމޭ،"

ކަންކަން މި އޮތީ ދިވެހި ބަސް ނެތިގެން ގޮސް، އިސްލާމީވަންތަކަން ގެއްލި، މިނިވަންކަން އެހެން ބައެއްގެ އަތްމައްޗަށް ދާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސްގެ އުފަން ރަށުން ރައީސަށް އޮތް ތާއީދު އިދިކޮޅަށް އަނބުރާލައި އެ ރަށުން އަޣުލަބިއްޔަތު ހޯދިއްޖެ ނަމަ އެ ވާނީ ތާރީހީ ކާމިޔާބަކަށް ކަމަށް މުއިއްޒު ސިފަކުރެއްވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހިންނަވަރުން އިދިކޮޅަށް އަޣުލަބިއްޔަތު ލިބޭ ދުވަސް ދެކެވަޑައިގަންނަވަން ބޭނުން ކަމަށެވެ.

"އެއީ ވަރަށް ބޮޑު ޗެލެންޖެއް، އެހެންނަމަވެސް ތިޔަބޭފުޅުން އަޅުގަނޑަށް ޔަގީން ކާމިޔާބުކުރައްވާނެ ކަން،"

އިރާދަކުރެއްވިއްޔާ ހިންނަވަރުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގައި ހަގީގީ ކުލަ ޖައްސާނީ އޭނާގެ ސަރުކާރަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.