އާސަންދައިން ކުރާ އިސްރާފު ޕީއެންސީގެ ވެރިކަމެއްގައި މަދުކޮށް، ރައްޔިތުން ބޭނުވާ ސިއްހީ ހިދުމަތް، ރައްޔިތުން ބޭނުވާ ފެންވަރެއްގައި ރާއްޖޭގައި ތިބެގެން ލިބޭނެ ގޮތް ގާއިމު ކޮށްދޭނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް އަދި ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ގެންދިޔަ ރަނިންމޭޓުންގެ ބަހުސްގައި ސެމްބެ ވިދާޅުވީ އާސަންދައިން ކުރާ އިސްރާފް މަދުކުރުމަށް ބޮޑެތި ބަލިތަކަށް ރާއްޖޭގައި ތިބެގެން ހިދުމަތް ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ހުސްނުވާ އާސަންދައިގެ ނަމުގައި ދައުލަތުން ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދޭން ކަނޑައެޅިފައިވާ ނިޒާމެއް އޮންނަ އިރު އާސަންދަ އަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބިލިޔަނަކާ ގާތް ކުރާ އަދަދަކަށް ފައިސާ ކަނޑައަޅާ ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ. އަދި މިހާ ގިނަ އަދަދެއްގެ ފައިސާ ކަނޑައެޅިފައިވީ ނަމަވެސް އާސަންދައިން ކުރެވޭ އިސްރާފް ބޮޑުކަން ފާހަގަކުރައްވާ ސެމްބެ ވިދާޅުވީ އާސަންދައިގެ ތެރެއިން ނަހަމަ ގޮތުގައި މަންފާ ހޯދުމަށް ރޭވިގެން ހިންގާ ކަމަށް ތުހުމަތުކުރައްވާފައެވެ.

"އަހަރު ދެބައި ނުވަނީސް އާސަންދަ ހުސްވޭ. ރައްޔިތުން އާސަންދައިން މަދަނައިން، ޒަކާތު ފަންޑުން އެހީ ހޯދުމަށް އުޅޭ ހާލުން އަދިވެސް ބޭސްފަރުވާ އަށް ސަލާން ޖެހުން ނުހުއްޓޭކަމަށް ރައްޔިތުން ބުނޭ. އެކަން ހައްލު ކުރަން މީގެ ކުރިން ވެސް ޕީޕީއެމްގެ ސަރުކާރުގައި މަސައްކަތްތަކެއް ކޮށްފައިވާނެ" ސެމްބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސެމްބެ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަމާނީ ފެންވަރުގެ ފުރިހަމަ ވަސީލަތްތަކާއެކު 25 ބުރީގެ ހޮސްޕިޓަލެއް އަޅާފައިވާނެކަމަށެވެ. އަދި އެ ފަދަ އެހެން ތަސައްވަރަކާއެކު އެފަދަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ ޕްލޭނެއް ގެންގުޅުއްވާކަމުގެ އިޝާރާތެއް ދެއްވަމުން ސެމްބެ ވިދާޅުވީ އެކަން ކުރެވޭނެ ވިސްނުމަކާއި ތަސައްވުރެއް އޮތީ ޕީޕީއެމް/ޕީއެންސީ ގައި ކަމަށެވެ.

އިތުރަށް ސެމްބެ ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ރެކޯޑްތަކަށް ބަލާލުމުންވެސް ސިއްހީ ދާއިރާ އާއި ތައުލީމީ ނިޒާމް ފަދަ ހުރިހާ ދާއިރާއްއެއްގައި ވެސް ކުރިއެރުން ހޯދާފައިވާކަމަށެވެ.