ބޮޑު އާބާދީއެއް އޮތް ބ. އޭދަފުއްޓަށް ގިނަ އަދަދެއްގެ ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށާއި މާލޭގައި ތަރައްގީ ކޮށްފައިވާ ކަހަލަ އާޓިފިޝަލް ބީޗެއްވެސް ހައްދަވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ބ އޭދަފުއްޓަށް ވަޑައިގެން މިހާރު އެ ރަށުގައި ކުރިއަށް ދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒުގެ ސަރުކާރެއްގައި ހިންގާ ޕޮލިސީގެ ތެރެއިން އެންމެ ގިނަ ހައުސިން ޔުނިޓް އޭދަފުށީގައި އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އިރު އޭގެ މާނައަކީ އެހެން ރަށްތައް ތަފާތު ކުރައްވާނެ ވާހަކަ ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވައި އެރަށެއްގެ އާބާދީއާ ގުޅޭ ވަރަކަށް އަދުލުވެރި ކަމާއެކީގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކީގައި ހިދުމަތް ކުރައްވާނެ ކަމަށާއި އެކަމުގައި އެއްވެސް ރައްޔިތަކު ޝައްކު ނުކުރުމަށާއި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސްޓްރެޓެޖިކް ރަށްތަކާއި ލޮކޭޝަންތަކުގައި ކަންކަން ގާއިމް ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރެވޭ ކަންކަން ކަމަށާއި އޭދަފުއްޓަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ވެރިކަމުގެ 5 އަހަރުގެ ތެރޭ އޭދަފުށީގެ އިންފްރާސްޓްރަކްޗާއާ ގުޅުން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން މުއިއްޒު ފާހަގަ ކުރެއްވިއެެވެ. އެގޮތުން މާލޭގެ އާޓިފިޝަލް ބީޗް ފަދަ ބީޗެއް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރައްވާނެ ގޮތް ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ ރަށުގެ ތޮށިގަނޑު އޮތީ ހަލާކުވެފައި ކަމަށާއި ރިވެޓްމަންޓް ހުރީ ރަނގަޅަށް ނޫން ކަމަށާއި އެހެންކަމުން އެތަން ރަނގަޅުކޮށް އެ މަސައްކަތުގެ ތެރެއިން އާޓިފިޝަލް ބީޗް ހައްދަވާނެ ކަމަށެވެ.
އޭދަފުއްޓަށް މުއިއްޒު ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި އެރަށުގެ ހުރިހާ މަގެއް ހައްދަވައި ދެއްވާނެ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ އެކި ކުޅިވަރު ފެސިލިޓީތައް ގާއިމް ކުރުމައްޓަކައި ރަނގަޅު ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ތައުލީމީ ނިޒާމް ވަރުގަދަ ކުރުމުގެ ގޮތުން އޭދަފުށީގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމް ކޮށްދެއްވާނަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ސެމިނާތައް ބޭއްވޭ ގޮތަށް ކޮންވެންޝަން ސެންޓަރެއް އަޅައި ދެއްވާނަން ކަމަށެވެ. އޭގެ ސަަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަމަށާއި އިގްތިސޯދީ ނަފާ އެތައް ގުނައެއް ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް، ރައްޔިތުންނަށް އާމްދަނީ ހޯދައި ދިނުމަށް އޭދަފުށީގެ އިހްތިސޯސްގެ ތެރޭގައި މާއްޑޫ ހިމަނައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ރަށުގެ ބޭނުން ކޮށްގެން ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި އެކި ކަހަލަ ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެވޭނެ ކަމަށާއި އެކަންކަން ނިންމާނީ ރައްޔިތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.