ގދ. ތިނަދޫގައި ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ގދ. ތިނަދޫގައި ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައި ވާއިރު އެންމެ ފުރަތަމަ ތިނަދޫއިން ޕާސްޕޯޓް ހެއްދި ފަރާތް ކަމަށްވާ ގދ. ތިނަދޫ އޭޖް، އާތިފާ ގާސިމްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަދާނީ ފިލައެއް އަރުވާފައެވެ.

ޕާސްޕޯޓް ހެދުމުގެ ހިދުމަތް ޖުލައި5 ވަނަ ދުވަހުން ފެށިގެން މުޅިން ޑިޖިޓަލައިޒް ކޮށްފައި ވާއިރު ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހޭނީ އިމުގަ ޕޯޓަލް މެދުވެރިކޮށެވެ.

މީގެ ކުރިން ފޯމް ހުށަހަޅައި ކިއުގައި ޖެހިގެން ދެމުންދިޔަ ހިދުމަތްތައް އޮންލައިންކޮށް ދެވޭ ގޮތަށް ހަމަޖެއްސުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑިޖިޓަލް އައިޑީ ކާޑް ވެސް ވަނީ ތައާރަފް ކޮށްފައެވެ.

މުޅި ރާއްޖެ ޑިޖިޓައިޒް ކުރުމުގެ މަގްސަދުގައި މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ހިދުމަތްތައް ބޭނުން ކުރުމުގައި ތަކުރާރުކޮށް އައިޑީކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެން ދެން ނުޖެހޭނެ ކަމަށެވެ. ހަމައެއާއެކު ހިދުމަތް ލިބުމުގާ ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.