ހަނދުގެ އަނދިރި ފަޅިއަށް އިންޑިއާއިން ފޮނުވި އުޅަނދުގެ ރޯވާއިން ހަނދުގައި ސަލްފާ އާއި އެހެނިހެން މައުދަން ހުރިކަން ހޯދައިފިއެވެ.

އިންޑިއާގެ ސްޕޭސް ޕްރޮގްރާމުގެ ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ބުނީ، ހަނދުގައި ރޯވާ ދަތުރު ކުރަމުން ދާ ސަރަހައްދުން ސަލްފާގެ އިތުރުން، އެލުމިނަމް، ކެލްސިއަމް، ދަނގަޑު، ކްރޮމިއަމް އަދި ޓައިޓޭނިއަމް ހުރިކަމުގެ އަސަރު ފެނިފައި ވާ ކަމަށެވެ. ނަމަވެސް އެ ރޯވާ އަކީ، ހަނދުން ސާމްޕަލް ނަގައިގެން އޭގެ މައި އުޅަނދު އޯބިޓާ އަށް ގެންދިއުމުގެ ކުޅަދާނަކަން ހުރި ރޯވާއަކަށް ނުވި ނަމަވެސް އެ ރޯވާގައި ހަރުކޮށްފައި ހުރި އީޖާދީ އާލާތްތަކުގެ އެހީގައި ސޮގޮފްރެފިކް އެނޭލެސިސް އެއް ހެދުމުން މައުދަންތަކުގެ ބާވަތްތައް ދެނެގަނެވިފައި ވާ ކަމަށެވެ.

މީގެ އިތުރުން މެންގަނީސް އާއި ސިލިކޮން އަދި އޮކްސިޖަންގެ އަސަރުވެސް ފާހަގަވިކަމަށް ބުނެފައި ވެއެވެ.

6 ފުރޮޅުލައި ސޯލާ ޕަވާއިން އޮޕަރޭޓް ކުރާ ރޯވާ ހަނދުގެ އެ ފަޅީގެ އެކި ތަންތާނގައި ދުއްވާ، އެއްކުރާ މައުލޫމާތު ދުނިޔެއަށް ފޮނުވަމުން ގެންދާނެއެވެ. ހަނދުން ބިމަށް މައުލޫމާތު ފޯރަން 2 ހަފްތާ ނަގައެވެ.

އިދާރާތަކުން ބުނާގޮތުގައި، މި ރޯވާގެ އެންމެ މުހިންމު މަސައްކަތެއް ކަމުގައި ކަނޑައަޅާފައި ވަނީ ހަނދުގައި ގަނޑުފެން ހުރިތޯ ބެލުން ކަމަށް ވިޔަސް އަދި އެފަދަ ނިޝާނެއް ފެނިފައެއް ނުވެއެވެ.

އިންޑިއާގެ ސްޕޭސް އޯގަނައިޒޭޝަން (އިސްރޯ) އިން ބުނީ، މިދިޔަ ހޯމަ ދުވަހު ރޯވާ ދުއްވަމުން ދަނިކޮށް 13 ފޫޓުގެ ބޮޑު ވަޅުގަނޑަކާ ދިމާވި ކަމަށާއި މިސްރާބު ބަދަލުކޮށް މިހާރު ދުއްވަމުން ދަނީ އާ ދިމަދިމާ ބަލަން ކަމަށެވެ.

މި ރޯވާ ޑިޒައިން ކޮށްފައި ވަނީ ސިކުންސަތު 4 އިންޗިއަށް ދަތުރު ކުރެވޭހާ ލަސް ސްޕީޑެއްގައެވެ. އެކަން އެގޮތަށް ހަމަޖައްސާފައި ވަނީ، ދުއްވަމުން ދަނިކޮށް ގާކޮޅުކޮޅަށް އެރި ނުވަތަ އެއްޗެއްގައި ޖެހި އުޅަނދަށް ގެއްލުމެއް ވިޔަ ނުދިނުމަށް ކަމަށް ވެސް ބުނެއެވެ.

75 މިލިއަން ޑޮލަރު ހަރަދު ކޮށްގެން އިންޑިއާއިން ހަނދަށް ދިޔަ އިރު މިއީ ހަނދުގެ އަނދިރި ފަރާތަށް ގައުމަކުން ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސޯވިއެޓް ޔޫނިއަން އާއި، އެމެރިކާ އާއި ޗައިނާއިން ހަނދަށް ގޮސްފައި ވާ އިރު އެ ގައުމުތަކުން ފޮނުވި އުޅަނދު ޖައްސާފައި ވަނީ ހަނދުގެ އުތުރު ތަނޑިއަށެވެ. އެއީ ހަނދު އަރާފައި ހުންނަ އިރު އަލިކޮށް ފެންނަން އޮންނަ ފަޅިއެވެ.

މި 4 ގައުމުގެ އިތުރުން އެހެން ބައެއް ގައުމުތައް ކަމަށް ވާ ޖަޕާން، ފްރާންސް އިން މަސައްކަތް ކުރި ނަމަވެސް އެ ގައުމުތަކުގެ އުޅަނދުތައް ވަނީ ހަނދަށް ނުފޯރާ ހަނދުގެ ސަތަހައިގެ ތެރޭގައި ގޮވާފައެވެ.

އިންޑިއާ އިން ހަނދަށް އުޅަނދު ފޮނުވި އިރު، ހަމަ އެމުއްދަތުގައި ރަޝިއާއިން ފޮނުވި އުޅަނދުވެސް ވަނީ ގޮވައިގެން ހަނދަށް ވެއްޓިފައެވެ.