ރ. އަތޮޅުގައި އިތުރު އާ 10 ރިސޯޓް ތަރައްގީ ކުރައްވާނެ ކަމަށާއި ފައިނުގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް ރ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ރ. އިނގުރައިދުއަށް ވަޑައިން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަތޮޅު ފައިނުގައި އެއާޕޯޓު އެޅުމުގެ ވިސްނުންފުޅު ގެންގުޅުއްވި ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް އޭނާގެ ވެރިކަމެއްގައި އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

އެއާޕޯޓު އެޅުމުން އެތައް ސަތޭކަ ވަޒީފާއެއް އުފެދި ޒުވާނުން ބާރު ކުރެވޭނެ ކަމަށާއި އަދި އެކި ކަހަލަ ގޮތް ގޮތުން މި ރަށަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. "އެހެންވީމަ އަޅުގަނޑު ދަންނަވާލަން ފައިނުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް 10 ވަރަކަށް ރިސޯޓަށް އަމާޒު ހިފާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މުއިއްޒު އިނގުރައިދު އަށް ވެވަޑައިގެންނެވި ވައުދުތައް:

  • ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ނިންމުން
  • ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުން.
  • ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރުން
  • އިނގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުން ހިމެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރާއި މި ސަރުކާރުގެ ދައުރަށް އަލި އަޅުއްވާލަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން ދެ ދައުރެއް ތަޖުރިބާ ކުރައްވައިފި ކަމަށާއި މި ދެ ދައުރަށް ބައްލަވާލުމުން ވެސް ފައިދާ ވާނީ ކޮން ވެރި ކަމަކުންތޯ ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. "ތަރައްގީ ގެނެސްދިން ވެރިކަން ތޯ ނުވަތަ ތަރައްގީ ގެނެސް ނުދެވުނު ވެރިކަންތޯ ކަމަށް ގެންނާނީ ނިންމާނީ ރައްޔިތުން" މުއިއްޒު ވިދާޅުވިއެވެ.

އިނގުރައިދޫ ރައްޔިތުންނާ މުއިއްޒި ވާހަކަ ދައްކަވަނީ

އިއްޔެ އިނގުރައިދޫގެ މަގު ހެދުމަށް މި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ދައުރެއް ފެށޭއިރު މަގު ހަދަންވީ ރަށްރަށް އެނގޭނެ ކަމަށެވެ. ކޮންމެ ވެރިއަކުވެސް ރައްޔިތުންނަށް އިހްލާސްތެރިވާން ވާނެ ކަމަށާއި މަގު ހެދުން ފަދަ އެހެން މަޝްރޫއުތަކަށް ސޮއި ކުރަންވާނީ ދައުރު ނިމެން ގާތް ވުމުން ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އެއާ ހިލާފަށް އޭނާގެ ސަރުކާރެއްގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ވަކި ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ މަތިން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަގު ހެދުމާއި ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ކުރުމާއި ބަނދަރު ބޮޑު ކުރުން ފަދަ ކަންކަމަކީ ކުރަން ހުރި ވަރަށް ގިނަ މަސައްކަތް ކަމަށާއި އެހެންކަމުން ވެރިކަމުގެ ކުރީކޮޅު އެންމެ އިސްކަމެއް ދީގެން އެކަންކަން ނިންމަވާލައްވާނެ ކަމަށެވެ. އަދި ހައުސިން މަޝްރޫއުތައް ކަމަށްވާ ރޯހައުސް އާއި ފްލެޓު އެޅުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިއަދު އިނގުރައިދު އަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަން އެ ރަށު ބަނދަރު ސަރަހައްދުގައި ތިއްބެވެ.