މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފިއެވެ.

ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައި ވަނީ ގްރޫޕް ގްރޫޕަށް ބަހައިގެން ކަމަށާއި ރަޖިސްޓްރީ ދޫކުރާ ފަރާތްތަކަށް ދާން ޖެހޭ ދުވަސްތައް އަންގާނެ ކަަމަށެވެ.

މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވާ އޮފް އެޓާނީ ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ގޯއްޗާ ހަވާލުވުމަށާ ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދާ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބަދަލުގައި ސޮއި ކުރަން ދާ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަން ކޮށްފައިވާ ފަރާތް އެނގޭ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންދަން ޖެހޭނެކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެއެވެ.

ގޯތި ލިބޭ ފަރާތްތައް ގޯއްޗާ ހަވާލުވުމަށާ އަދި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަން ކުރާނަމަ ޕަވާ އޮފް އެޓާނީ ފުރިހަމަ ކުރުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާ އަދި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާ ހަވާލުކުރަން ޖެހޭނެކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ފަހު ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށެވެ. ގުރުއަތު ނިންމާލުމަށް ފަހު ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އޭރު ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު ރަޖިސްޓްރީ ދޫކުރާކަން ފަށާފައިވާއިރު އިއްޔެ ވަނީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭ ގޮތަށް، 'ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު' އަށް އިސްލާހު ގެނެސްފައެވެ.

ކުރިން ކައުންސިލުން ގޯތީގެ ރަޖިސްޓްރީ ދޫކުރަން އޮތް އޮތުމަށް ބަދަލު ގެނެސް އާންމު ކުރި އިސްލާހުގައި އޮތީ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ހަވާލު ކުރާއިރު ގޯތީގެ ދާއިމީ ރަޖިސްޓްރީ ގޯތި ލިބޭ ފަރާތަށް ދޫކުރަން ޖެހޭ ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން އެ ރަޖިސްޓްރީ ދޫކުރުމުން، އަލުން އެ ބިން ރަޖިސްޓްރީ ކުރަން ހުށަހަޅަަކަށް ނުޖެހޭނެއެވެ. މީގެ އިތުރުން ސަރުކާރުން ގޯތި ދިނުމަށް ކަނޑައަޅާ ސަރަހައްދަކީ ނުހިއްކާ ނުވަތަ އިން ވަކި ނުކޮށް އޮތް ސަރަހައްދެއް ނަމަ އެފަދަ ސަރަހައްދަކުން ގޯތި ހަވާލު ކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް ގޯތިލިބުނު ފަރާތްތަކަށް ދޭން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.