ގދ. ނަޑެއްލާއަށް ދިމާވާ ރާޅުއެރުމުގެ މައްސަލަ ހައްލުކޮށް ބޮޑު ބަނދަރެއް އަޅައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގދ. ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އެރަށަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށާއި އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރާޅު އަރާ މައްސަލަ ކަމަށެވެ.

އެގޮތުން ރަށަށް ރާޅު އަރާ ސަރަހައްދުގައި ބޮޑު ހިލަ ޖަހައި ހިމާޔަތް ކޮށްދިނުމުގެ އިތުރުން ރަށުގެ ބަނދަރު މައްސަލަ ހައްލުކޮށް ބޮޑު ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. "މި ދެމަޝްރޫއު ކުރިޔަށް ގެންދާނީ އެކުުއެކީގައި." މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ކަންތައްތަކަށް އިޖާބަދީ ރަށުގެ ތަރައްގީއަށް މަސައްކަތް ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިރަށުގެ ތަރައްގީއަށްޓަކައި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައި އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ އެކަންކަމަށް އިޖާބަދީ އެކަންކަމުގައި ކުލަޖައްސައިދޭތަން."
މުއިއްޒު

މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް ކުރުމަށް އެކުލަވާލައިފައިވާ ކަަމަށާއި އެގޮތުން ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި ހަމައެހެންމެ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އޭނާގެ ސަރުކާރުގައި ތައުުލީމީ ސިޔާސަތުގެ ދަށުން ގިނަ ކަންތައް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ނަޑެއްލާ ސްކޫލުގައިވެސް މަލްޓި ޕާޕަސް ހޯލަކާއި ކްލާސްރޫމްގެ އިތުރުން ސްޓާފް ރޫމަކާއި ލައިބްރަރީއެއް އަޅުއްވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ދެން ހަމައެއާއެކީގައި ސްކޫޫލްގެ ޖާގަވެސް ބޮޑު ކުރަން އެބަޖެހޭ. އެހެންވީމަ ސްކޫލަށް ބޭނުންވާ މަލްޓީޕާޕަސް ހޯލާއި ކްލާސްރޫމް އިތުރުކުރުން އެއީ އިރާދަކުރެއްވިއްޔާ ތައުލީމީ ބަޖެޓުގެ ތެރެއިން ތައުލީމީ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ރަށްރަށުގައި ކުރިޔަށް ގެންދަން ރާވާފައި އޮތް ކަމަކަށް ވާތީ މިރަށުގައިވެސް ރައްޔިތުން ބޭނުންވާ ގޮތަށް މަލްޓީޕާޕަސް ހޯލާއި ކްލާސްރޫމް ސްޓާފްރޫމާއި ލައިބްރަރީ ފަދަ ތަންތަން އިތުރުކޮށް ސްކޫލް ތަރައްޤީ ކޮށްދޭނަން."
މުއިއްޒު

މީގެ އިތުރުންވެސް ޓޫރިޒަމް ސިނާއަތް ކުރިއަރުގައި ރައްޔިތުންގެ އާމްދަނީ އިތުރުވާ ގޮތަށް އެރަށާ ކައިރީގައި ރިސޯޓުތައް ތަރައްގީކޮށްދީ އޭގެ ނަފާ ރައްޔިތުންނަށް ލިބޭނެގޮތް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.