ކުރިއަށް އޮޔް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ރައްޔިތުންނަށްޓަކައި ރެއާދުވާލު ގުރުބާންވެވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި އެ އަތޮޅު ގައްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ދުވަހުން ފެށިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ރެއާ ދުވާލު މަސައްކަތް ކުރައްވާނެ ކަަމަށެވެ. "ރައްޔިތުންނަށްޓަކައި ރެއާ ދުވާލު ގުރުބާންވެ ހިދުމަތް ދިނުމުގަ ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

އަދި މުއިއްޒުގެ ފަހަތްޕުޅުގައިވާ ޕީޕީއެމް އަދި ޕީއެންސީގެ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ފޫހި ކަމެއް އަދި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބައެއްގެ ގޮތުގައި ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މި ބޮޑު ޓީމު އޮތީ އެއް ރޫހެއްގައި ކަަމަށާއި މި ޓީމަކީ ވެސް ރައްޔިތުންނަށްޓަކައި ގުރުބާންވުމަށް ތައްޔާރަށް އޮތް ޓީމެއް ކަމަށެވެ.

ގައްދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ މުއިއްޒު ވާހަކަ ދައްކަވަނީ

މީގެ އިތުރުންވެސް ގައްދޫގެ ތަރައްގީއަށްޓަކައި ގިނަ މަޝްރޫއުތަކެއް އެކުލަވާލާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ އަތޮޅު މާވަރުލުގައި އެއާޕޯޓު އަޅުއްވާދެއްވި ނަމަވެސް މި ސަރުކާރުން އެ އެއާޕޯޓު ތަރައްގީކޮށްފައި ނުވާކަމަށާއި އޭނާގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާ ގައްދޫއާ އިންވެގެން އޮންނަ އެ އަތޮޅުގެ ގަން އެއީ އެ ރަށުގެ ރައްޔިތުންގެ ތަނެއް ގޮތުގައި ހައްދަވާދެއްވާ އެ ރަށުން އިގްތިސޯދީ ނަފާ އެ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވާ ދެއްވާނެ ކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ގައްދޫއަކީ ރާޅާ އެޅުމަށް މަޝްހޫރު މަންޒިލެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގެ ސާފިންގް ޕޮއިންޓް މެދުވެރިކޮށް ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށެވެ. ސަރަހައްދުގައި އިތުރު ރިސޯޓުތައް ގާއިމުކޮށް ފަތުރުވެރިކަން ފުޅާ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ގައްދޫގެ ތަރައްގީ އަށް ހުރި ކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ.

ކެމްޕެއިން ދަތުރުގައި އަތޮޅުތަކަށް މުއިއްޒު ދަތުރުކުރައްވަމުންދާއިރު މިއަދާއި މާދަމާ ގދ. އަދި ގއ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިަފއެވެ.