އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ހިންގާ އަމިއްލަ ސްކޫލެއްގެ އަންހެން ޓީޗަރަކު، އޭނާ ކިޔަވައިދޭ ކްލާހުގައި އިންނަ 7 އަހަރުގެ މުސްލިމް ކުއްޖެއްގެ ކަންފަތްމަތީގައި ޖެހުމަށް މުސްލިމް ނޫން ދަރިވަރުންނަށް ހިތްވަރުދޭ މައްސަލައެއް ބަލަން ފަށައިފިއެވެ.

7 އަހަރުގެ ދަރިވަރުގެ ކަންފަތްމަތީގައި އެހެން ކުދިން ލައްވާ ޖައްސުވާތައް އެހެން ދަރިވަރަކު ވީޑިއޯ ކޮށްފައި ވާ އިރު އެ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދަރިވަރު ހުންނަނީ ފެނަކަޅިވެ ރޮވިފައެވެ.

އެ ކުއްޖާގެ ކުށަކީ މުސްލިމަކަށް ވުންތޯ އަހާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ކޮމެންޓް ކުރަމުން ދާއިރު، އެ ދަރިވަރުގެ ކަންފަތްމަތީގައި ޖަހަން ޓީޗަރު ހިތްވަރު ދެނީ ހުރިހާ ދަރިވަރުންވެސް ނަގަން ޖެހޭ ޓައިމް ޓޭބަލެއް، އެ ދަރިވަރަށް ގޯސްކޮށް ލިޔެވިފައި އޮވެގެންނެވެ.

"ކީއްވެތަ އެހާ މަޑުން ތި ޖަހަނީ، ބާރަށް ޖަހާ، މިހާރު މޫނު އެހެރީ ރަތްވެފައި އުނަގަނޑުގައިވެސް ޖަހާ" އެ ޓީޗަރު ދަރިވަރުންނަށް ބުނާ އަޑު އެ ވީޑިއޯގައި އިވެއެވެ.

މި މައްސަލަ ހޫނު ވުމާއެކު އިންޑިއާގެ ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ.

މި ހާދިސާ އާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ބުނީ، އެ މައްސަލަ މުޒައްފަރުނަގަރު ޕޮލިހަށް ހުށަހެޅުމުން އެކަން ބަލަމުން ދާ ކަމަށާއި، ދަރިފުޅުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދަރިފުޅު ސްކޫލުން ވަކިކޮށްފައި ވާ ކަމަށެވެ. އިތުރަށް އޭނާ ބުނީ، އެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް އެއްވެސް ކުއްޖަކާ ދޭތެރޭ ނުވަތަ ޓީޗަރާ މެދު ދައުވާ ކުރަން ބޭނުން ނުވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހޫލް ގާންދީ ވަނީ ދީނީ ހަމަނުޖެހުން އުފައްދަން ވެރިކަން ކުރާ ބީޖޭޕީން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ، 2014 ގައި ނަރެންދްރަ މޯދީ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން، އިންޑިއާގައި ދީނީ ހަމަނުޖެހުން އިތުރުވެފައި ވާ ކަމަށާއި ހާއްސަކޮށް މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަން އިތުރުވެފައި ވާ ކަމަށް ބުނެފައެވެ.

އުއްތަރް ޕްރަދޭޝް އަކީ 2017 އިން ފެށިގެން ބީޖެޕީގެ މެޖޯރިޓީ އޮންނަ ސްޓޭޓެކެވެ.