ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށް މިސްކިތްތަކަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުރުއާން ހިތުދަސް ކުރާ ހާފިޒުންގެ އަގު ވަޒަން ކުރުމަކީ މިހާރު ވެސް ކުރެވޭ ކަމެއް ނަމަވެސް އެ އެލަވަންސް މިހާރަށް ވުރެ ދެ ގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. ހާފިޒުންނަށް ސަރުކާރުގެ ފަރާތުން މިހާރުވެސް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދެމުން ގެންދެއެވެ. ނަމަވެސް އެ އަދަދު 4000 ރުފިޔާއަށް ބޮޑު ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މިސްކިތްތަކުގައި އިމާމުން މަދު ވުމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. "ސަލާމެއް ބުނަން ޖެހުނަސް، ނޫނީ ބަލިވިޔަސް، ބަދަލު އިމާމެއް ނުހުރޭ. ދެން ކޮންމެވެސް މީހަކާ ހަވާލުކޮށްލަން ޖެހެނީއޭ [އިމާމުން ބުނަނީ]." މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި މިސްކިތްތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހާއްސަ އިމާމެއް ހުންނަން ޖެހޭނެ ކަމަށާއި ކޮންމެ މިސްކިތަކަށް ދެ އިމާމުން ހަމަޖެއްސުމަކީ އޭނާގެ ވެރިކަމެއްގެ އަމާޒެއް ކަމަށެވެ.
އަދި ހަމައެހެންމެ އެކަނިވެރި މައިންނާއި ބަފައިންނަށް، ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސަކީ އެކަށީގެންވާ ވަރުގެ އެލަވަންސެއް ނޫން ކަމަށާއި މިހާރު ދޭ 2000 ރުފިޔާގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ހަތަރު ދަރިންގެ މަގުން ކޮންމެ ދަރިއަކަށް 3،000 ރުފިޔާ، އޭނާގެ ވެރިކަމެއްގައި ދެއްވާނެއެވެ.
މުއިއްޒު ވަނީ ޕީއެސްއެމް އަދި އެމްއެންޔޫގެ ފްލެޓް މަޝްރޫއު އަލުން ފަށާ، މުވައްޒަފުން ގެދޮރުވެރި ކުރުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. މީގެ އިތުރުން މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓް މަޝްރޫއު ނިންމާނެ ކަމަށާއި އޭގެ އިތުރުން ވެސް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހައުސިން މަޝްރޫއު ހިންގެވުމުގެ އިތުރުން ސޯޝަލް ހައުސިންގެ ތެރެއިން ކުލި ނުދައްކައިގެން ކޮށްފައި ވާ ހުރިހާ ޖޫރިމަނާތައް މާފްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދާއިރު ކެންޑިޑޭޓުން ދަނީ އެކި ވައުދުތައް ވަމުންނެވެ. 8 ކެންޑިޑޭޓުން ބައިވެރިވާ މި އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންވެސް ބުނަމުން ދަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.