ތ. ވިލުފުށްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ތ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅު ފައްޓަވާފައި ވަނީ މިއަދުއެވެ. ފުރަތަމަ މަންޒިލަކަށް ވަޑައިގަތުމަށް ހަމޖެހިފައި ވަނީ އެ އަތޮޅު ވިލުފުށި ކަމަށް ވާއިރު މީގެ ކުރިންވެސް ރައީސް ސޯލިހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެކި ރަށްރަށުގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެ ފައެވެ.

"ދަ ޕްރެސް"ގެ ނޫސްވެރިޔާ އަހުމަދު އިޔާދު މައުލޫމާތު ދިން ގޮތުގައި އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހާ ދެކޮޅަށް ޝުއޫރު ފާޅުކުރަން ހަރަކާތްތެރި ވަމުން ދާއިރު އެމީހުންނަށް ނުވަދެވޭ ގޮތަށް ވަކި ސަރަހައްދެއް ވަނީ ޓޭޕް ދަމާ ބަންދުކޮށްފައެވެ.

ތިން ދުވަހުގެ މުއްދަތަށް ތ. އަދި ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ ދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިލުފުށި، ދިޔަމިގިލި، ކިނބިދޫ، ހިރިލަންދޫ، ތިމަރަފުއްޓަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު ކުރިއަށް އޮތް ދެ ދުވަހު އެ އަތޮޅުގެ ބާކީ ރަށްތައް ކަަމަށްވާ ގާދިއްފުށި، މަޑިފުށި، އަދި ލ. އަތޮޅުން އިސްދޫކަލައިދޫ، ދަނބިދޫ، މާބައިދޫ، ގަން، ފޮނަދޫ، މާމެންދޫ، ހިތަދޫ، މާވަށް އަދި މުންޑުއަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ތ.ވިލުފުށީގައި ފުލުހުން ޓޭޕް ދަމާފައިވާ ސަރަހައްދު

ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ވަނީ އަމާޒު ހިފާފައެވެ. މިދިޔަ ޖުލައި 9 ވަނަ ދުވަހު ރައީސް ސޯލިހުގެ ކެމްޕެއިން ފެއްޓެވީ ށ އަތޮޅު ކޮމަންޑޫންނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ޖުމްލަ 187 އޮންނައިރު ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނުދެވި ހުރި ބާކީ ރަށްތަކަށް ދަތުރުކުރުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު އިންތިހާބަށް ޖުމްލަ 8 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ރައީސް ސޯލިހުގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.