"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މަދަމާ އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ފަހު ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށެވެ. ގުރުއަތު ނިންމާލުމަށް ފަހު ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އޭރު ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، މާދަމާ އިން ފެށިގެން ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެކަން ކުރިއަށް ގެންދާނީ ގްރޫޕް ގްރޫޕަށް ބަހައިގެން ކަމަށާއި ރަޖިސްޓްރީ ދޫކުރާ ފަރާތްތަކަށް ދާން ޖެހޭ ދުވަސްތައް އަންގާނެ ކަަމަށެވެ.

މާދަމާ ރަޖިސްޓްރީ ދޫކުރާކަން އިއުލާން ކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އިރު، މިއަދު ވަނީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭ ގޮތަށް، 'ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު' އަށް އިސްލާހު ގެނެސްފައެވެ.

ކުރިން ކައުންސިލުން ގޯތީގެ ރަޖިސްޓްރީ ދޫކުރަން އޮތް އޮތުމަށް ބަދަލު ގެނެސް އާންމު ކުރި އިސްލާހުގައި އޮތީ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ހަވާލު ކުރާއިރު ގޯތީގެ ދާއިމީ ރަޖިސްޓްރީ ގޯތި ލިބޭ ފަރާތަށް ދޫކުރަން ޖެހޭ ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން އެ ރަޖިސްޓްރީ ދޫކުރުމުން، އަލުން އެ ބިން ރަޖިސްޓްރީ ކުރަން ހުށަހަޅަަކަށް ނުޖެހޭނެއެވެ. މީގެ އިތުރުން ސަރުކާރުން ގޯތި ދިނުމަށް ކަނޑައަޅާ ސަރަހައްދަކީ ނުހިއްކާ ނުވަތަ އިން ވަކި ނުކޮށް އޮތް ސަރަހައްދެއް ނަމަ އެފަދަ ސަރަހައްދަކުން ގޯތި ހަވާލު ކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް ގޯތިލިބުނު ފަރާތްތަކަށް ދޭން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.