މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ކުރުމަށް ޕާކިން ސްލޮޓްތައް ދޫކޮށް ގަރާޖެއްގެ ގޮތަށް ރަޖިސްޓްރީ ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ "ނަޔާ ކާމިނީ" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ވެރިކަމުގައި މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ޕާކިން ހަ ބިލްޑިން އެއް އެޅުމަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށާއި ސަރުކާރުން ހުއްދަ ދިން ނަމަ، ފައުންޑޭޝަންގެ މަސައްކަތް ފެށިގެން ނިމޭ ވަރަށް ފައިސާ އާއި އިންވެސްޓަރުން ހަމަޖެހުނު ނަމަވެސް ސަރުކާރުން އެ ފުރުސަތު ދީފައި ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގެ ތެރެއިން

އަދި ވެރިކަން ލިބިވަޑައިގެންފިނަމަ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިން ބިލްޑިންތަކެއް އަޅާ އެފަދަ ބިލްޑިންތަކުގައި ކޮންމެ މީހަކަށްވެސް ޕާކިން ސްލޮޓެއް ހާއްސަކޮށް އެމީހަކަށް އެ ސްލޮޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ތާރު އަޅަން ޖެހޭ މަގުތަކުގައި ތާރު އަޅައި، ގާ އަތުރަން ޖެހޭ މަގުތަކުގައި ގާ އަތުރާނެ ކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.

"ގެދޮރުވެރިކަން ހައްލުވެއްޖެނަމަ މާލޭގަ ދިރިއުޅޭ ރައްޔިތުން ޔަގީނުންވެސް ދެން ބޭނުންވާނީ މަގުތަކާއި ގުޅިފަ މިހިރަ ކަންކަން ރަނގަޅު ކުރުމަށް. އެހެންވީމަ އެކަންކަން ކުރެވޭތޯ ވަރަށް ގިނަ މަސައްކަތް ކުރެވުނު. ކައުންސިލުން މަސައްކަތް ކުރި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭތޯ. ނަމަވެސް ސަރުކާރުން އެ ފުރުސަތު ނުދީ ކެންސަލް ކުރީ. ކެންސަލް ކުރީ 400 ބިލިއަން ރުފިޔާގެ ބަޖެޓް ހަމަޖައްސާފައި އޮއްވާ."
މުއިއްޒު

މަގުތައް ހަދާ ނިމޭ އިރު، ފެން ހިންދުމުގެ މައްސަލަ ހައްލުވެ، ފަޔާ އެންޑް ރެސްކިއު އަށް ބޭނުންވާ ހޮޅި އެޅުމާއި ކޭބަލް ނެޓްވޯކް އަޅަން ޖެހޭ ކޭބަލްތަކުގެ މައްސަލަ ދާއިމަށް ހައްލުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުއިއްޒު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި ފަހުން ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހިޔާލު ހޯއްދަވައި ރައްޔިތުންނަށް އާންމޮށް ފެންނަ މީހަކަށް ވެފައިވާ ކަމަށެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަވެސް ރައްޔިތުންނަށް ފެންނާނެ ކަމަށާއި ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އޭނާ ކުރައްވާނީ ރައްޔިތުންނަށްޓަކައި އިހްލާސްތެރި ވެރިކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.