އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަަވައިފިއެވެ.

އެކަން ހާމަކުރައްވާ އަނާރާ ވިދާޅުވީ މުއިއްޒުވަނީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރު 4 އަށްލުމަށް އަނާރާ ވިދާޅުވިއެވެ.

މި މަހުގެ 5 ވަނަ ދުވަހު ޑރ. ޝަހީމް ވިދާޅުވީ މާދަމާ ސިޔާސީ ނިންމުން އިއުލާން ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ގިނަ ދުވަސްތަކެއް ފަހުން މިއަދު ޝަހީމް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއިދުކުރަން ނިންމައިފި ކަމަށާއި އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މީގެ ކުރިން މަޖިލީހުގައި އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަނާރާ އެ ޕާޓީއިން ވަކިވެވަޑައިގެންފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު އެހެން ޕާޓީއަކާ މިހާތަނަށް އޭނާ ގުޅިވަޑައިގެންފައެއް ނުވެއެވެ.

އަނާރާއާއި ޝަހީމްގެ އިތުރުން ޑރ. މުއިއްޒަށް ތާއީދު ކުރައްވަން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ނިންމަވާފައެވެ. އެމްޑީޕީއިން ވަކިވެވަޑައިގެން ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވީ ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.