ރާއްޖޭގައި ކަފާލާތުގެ ގާނޫނެއް ތައާރަފް ކުރުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކަފާލާތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮންނަ ފުރުސަތެއް ކަމަށާއި ކަފާލާތުގެ ގާނޫނެއް ތައާރަފުކޮށް، އެކަމުގެ ނަފާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތަކަށް ބައްޓަން ކުރުމަކީ ޝަރުއީ ދާއިރާއަށް ގެންނަ އިސްލާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރަށްރަށުގައި ރައްޔިތުންނަށް އިންސާފަށް ވާސިލް ވުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް ނިޒާމު ހަރުދަނާ ކުރުމަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޖްތަމައުގައި ވަރަށް ބޮޑަުށް ފެތުރި، ހައްލު ނުވެފައި އޮތް މައްސަލައެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަމުގައި މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެ މީހުންނާ ދޭތެރޭގައި ކުށްވެރިންގެ ގޮތުގައި ނުދެކި އަނބުރާ މުޖުތަމައުއަށް އަންނާނެ ބައެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިސްލާމީ ހަމަތަކުގެ މަތިން އަނބުރާ މުޖުތަމައުއަށް ގެންސްގެން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުން ކޮށްގެން ޕްރޮފެޝަނަލް އެހީތެރިކަމާ އެކީގައި ގާއިމުކުރެވޭ ރިހިބިލިޓޭޝަން ސެންޓަރު ތަކެއް ރާއްޖޭގައި އެކި ސަރަހައްދުގައި ގާއިމު ކުރެވޭނެ ކަމަށާއި އޭގެ ސެނޓަރެއް ވެލިދޫގައި ވެސް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން ޑްރަގް ކޯޓުގެ ނިޒާމު މިހާރަށް ވުރެ ޒަމާނާ އެއްގޮތަށް ބަދަލު ކުރުމާއެކު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންވާ މިންވަރަށް ޑްރަގް ކޯޓު ބަދަލު ކުރުމަކީ ޖުޑިޝަލް ދާއިރާއަށް ހުށަހަޅާ އިސްލާހެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.