އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ "ދިވެހީންގެރާއްޖެ" ގައި ސިއްހީ ނިޒާމާއި ފަރުވާގެ ބައިގެ ދަށުން މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅައި ދޭނެ ކަމަށާއި އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ތައާރަފު ކުރަން ހިމަނައިފިއެވެ.

ޖުމްލަ 19 ޗެޕްޓަރުގެ މައްޗަށް އެކުލަވާލާފައިވާ އެ މެނިފެސްޓޯގެ 14 ވަނަ ޗެޕްޓަރު ކަމަށްވާ ސިއްހީ ނިޒާމާއި ފަރުވާގެ ބައިގައި 31 ކަމެއް ހިމަނާފައި ވެއެވެ. އޭގެތެރޭގައި ބައިނަލްއަގްވާމީ ސއްިހީ ހިދުމަތްދޭ ފަރާތްތަކުގެ ހާއްސަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ސއިްހީ ހިދުމަތްދޭ ސަރަހައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމާއި، އެ ހޮސްޕިޓަލް މެދުވެރިކޮށް އައްޑޫ ސިޓީ ހިތަދޫގައި އާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ގާއިމުކުރަން ވަނީ ހިމަނާފައެވެ. ހަމައެއާއެކު ދަރުމަވަންތަ ހޮސްޕިޓަލް އައިއެސްއޯ ސަޓިފައިޑް ހޮސްޕިޓަލަކަށް ހެދުމާއި އެންމެ ރަނގަޅު ފެންވަރުގެ ބޭސްތައް ރާއްޖެއިން އާންމުކޮށް ލިބޭނެ މަގުތަނަވަސް ކޮށްދިނުމާއި، ރޭޑިއޭޝަން ތެރަޕީ ހިމެނޭ ގޮތަށް ޓިއުމަރާ ގުޅޭ ބަލިތައް (އޮންކޮލޮޖީ) ގެ ފަރުވާ ރާއްޖޭގައި ފުޅާ ކުރަން ވަނީ ހިމަނާފައެވެ.

ސިއްހީ ނިޒާމު ޗެޕްޓަރުގައި ހިމެނޭ ބައެއް ކަންކަން:

  • ލޭގެ ބަލިތަކަށާއި، ފުރަމޭގެ ބަލިތަކަށް ހާއްސަކޮށް ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުން
  • އުމުރުން ދުވަސް ވަމުންދާ އަންހެނުންނާއި ފިރިހެންނުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުން
  • ނޭޝަނަލް ޕަބްލިކް ހެލްތް ލެބޯޓަރީއެއް ޒަމާނީ ވަސީލަތް ތަކާއެކު ގާއިމުކުރުން .
  • ކާބޯތަކެތީގެ ގާނޫނެއް އެކުލަވާލާ ފާސްކުރުމާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނު މުރާޖާކުރުން
  • ޕެރަމެޑިކުންގެ ހިދުމަތް ކޮންމެ ސިޓީއެއްގައި ތައާރަފުކުރުން
  • ދަތުގެ ހިދުމަތް އިތުރަށް ފުޅާކޮށް އަނގައިގެ ސިއްހަތަށް ދެވޭ އަހަންމިއްޔަތު އިތުރުކުރުން
  • ސިއްހީ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކަކީ "ސަޓިފައިޑް ހެލްތްކެއާ ޕްރޮފެޝަނަލްސް" ކަން ޔަގީންކުރުން
  • "އެލައިޑް ހެލްތު ޕްރޮފެޝަނަލްސް" ގެ ދާއިރާ އިން 1500 ދިވެހިން ތަމްރީނުކުރުން
  • ބޭރު ގައުމުތަކުގައި ހޮސްޕިޓަލް ބަދަލުކުރަން ނަގާ ފީ އާސަންދައިން ކަވަރުވާގޮތް ހެދުން .
  • އެއާ އެމްބިއުލެންސް ހިދުމަތް ފުޅާކުރުން .
  • އައްޑޫ ހޮސްޕިޓަލަކީ ހުރިހާ ހިދުމަތެއް ލިބޭ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުން

މުއިއްޒުގެ މެނިފެސްޓޯގެ ސިއްހީ ނިޒާމާއި ފަރުވާގެ ޗެޕްޓަރުގައި ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ހިދްމަތް ލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ހާއްސަ ހެލްޕްލައިނެއް ގާއިމުކުރުމާއ،ި ގައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ އާއި އެހީތެރިކަން ދެވޭ މިންވަރު އިތުރުކޮށް ހިދުމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސިލަރުންނާއި ތެރަޕިސްޓުންނާއި ސޯޝަލް ވޯކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ހަމައެއާއެކު ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އާއިލާތަކަށް ފަރުވާ ދެވޭނެ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ތައާރަފުކުރުމާއި، ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތްކެއާ ދިނުމަށް މާލޭގައި ހުންނަ ދަމަނަވެށިންދޭ ހިދްމަތްތަކާ އެއްފެންވަރުގެ 24 ގަޑިއިރުގެ ހިދުމަތް ދެވޭ ނިޒާމަކާއި އިމާރާތް ހިމެނޭގޮތަށް ދަމަނަވެއްޓެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރުން ހިމެނެއެވެ.

އަދި މެމޮގްރަފީއާއި ޕެޕްސްމިއާ ހިދުމަތް ހުރިހާ އަތޮޅެއްގައި ގާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލްތަކަށް ގެނައުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ހާއްސަ ކްލިނިކުތަކެއް ހުރިހާ ހޮސްޕިޓަލެއްގައި ގާއިމުކުރުމައި، ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދައްކަންދާ މާބަނޑު އަންހެނުންނަށް ހާއްސަކޮށް މަޑުކޮށްލާ ކޮޓަރިތަކާއި އެހެނިހެން ހިދުމަތްތައް ތައާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ވަޒީފާއިން މަހުރޫމުވެފައިވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން އަނބުރާ ވަޒީފާއަށް ނެރުމުގެ ހާއްސަ ސިޔާސަތުތަކެއް އެކަށައެޅުމާއި، މެޑިސިން ކިޔެވުމަށް ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމައި ދާއިމީ ވަޒީފާ އަދާކުރަން ފެށުމުން ކަމުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ޒަމާނީ ޕެޓް ކެއާ ފެސިލިޓީއަކާއި ވެޓެރިނަރީ ހޮސްޕިޓަލެއް ގާއިމުކޮށް ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާ އުސޫލުތަކެއް ތަންފީޒުކުރުން ވެސް ހިމެނެއެވެ.