ރާއްޖޭގައި މަޝްރޫއުތައް ހިންގަމުން ދަނީ މާލޭގައި އަމީނީ މަގު ހަދާ ސްޕީޑުގައި ކަަމަށް ވިދާޅުވެ ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ނ އަތޮޅުގެ ކެމްޕެއިން ދަތުރުގައި ނ. ހޮޅުދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ގިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމިގެން މި ދަނީ ފަހަތަށް ކަމަށާއި މިއީ ބޭކާރުވެގެންދާ ފަސް އަހަރު ކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށްޓަކައި ފަސް އަހަރެއް ބޭކާރުވެގެން ދިޔުމަކީ ގައުމެއްގެ ނިސްބަތުގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ "އެފޯޑް" ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

ނަމަވެސް އެގޮތަށް ކަން ވެ ނިމިފައިވާ ކަން ފާހަގަ ކުރައްވަމުން މުއިްޒު ވިދާޅުވީ، ދެން އޮތީ ރައްޔިތުން އެކަމާ މެދު ގޮތެއް ނިންމުން ކަމަށެވެ. އެގޮތުން ނަތީޖާ ނެރެދެވޭނެ ފަދަ މީހަކު ހޮވައި މަގާމު ހަވާލު ކުރާނީތޯ ނުވަތަ މީހާރުވެސް މިދާ ގޮތަށް ކުރިއަށް ދާން ދޫކޮށްލާނީތޯ މިއީ ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފަސް އަހަރުތެރޭގައި މަޝްރޫއެއް ނުނިމުނީމައި އެކަމާ ހައިރާންވެވަޑައި ނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގައި ހިންގާ އަމީނީ މަގު ހެދުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ މަޝްރޫއަކީ ހެދެން އޮތް އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ހަވާލުކޮށްގެން ހަދާ މަގެއް ކަމަށާއި އެ މަޝްރޫއު ފެށުމުން ހިތަށް އެރީ އެ މަސައްކަތް ވަރަށް ހަލުވި ކޮށް ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އެހެން ނުވި ކަމަށާއި މުޅި ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއަކުން ފެނިވަޑައިގަންނަވަނީ އެގޮތަށް ކަންކުރާ ތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހޭ ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މެނިފެސްޓޯގައި އާމްދަނީ ހޯދާނެ ގޮތާއި އިގްތިސޯދަށް ފައިދާވާ މަޝްރޫއުތައް ހިންގާނެ ގޮތްތަކާއި އިސްރާފު ކުޑަކޮށް ކަންކަން ކުރެވޭނެ ގޮތްތައް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހޮޅުދޫއަށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގައި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއު އާއި މަގު ހެދުމުގެ މަޝްރޫއު ވަނީ މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫއަށް ވެފައި އޮތް ގޮތް ވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ކާމިޔާބީ ލިބިވަޑައިގެންފި ނަމަ އެ ރަށުގައި ނުނިމިގެން އުޅޭ ފެނުގެ މަޝްރޫއު ބާރު ސްޕީޑުގައި ނިންމަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫއު ވެސް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައި ދެއްވާނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކަށް ރަނގަޅު ފެންވަރުގެ ބޮޑު ސްކޫލެއް އިމާރާތް ކޮށްދެއްވާނެ ކަމަށާއި ގެދޮރުވެރިކަމުގެ ހާއްސަ މަޝްރޫއެއް ހިންގައިދީ ހޮޅުދޫއަކީ ގެދޮވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އަމަލީ ގޮތުން ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާ އަށް އިތުބާރު ކުރެއްވުމަށާއި، ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ހިންގަން ތައްޔާރަށް ހުންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.