މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ކެމްޕެއިން ބެނާތައް ނުދެމުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނާތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި، ދަމަމުން ގެންދާ ކަމަށެވެ.

ބައެއް ޕާޓީތަކުން މިހާރުވެސް ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން ރުއްތަކަށް ގެއްލުން ލިބެމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކަދުރު ރުއްތަކުގައި ބެނާ ދަމާފައި / ފޮޓޯ: ދަ ޕްރެސް

ސިޓީ ކައުންސިލުން ވަނީ ކެމްޕެއިންގެ އެއްވެސް ބެނާ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނާ އަދި ދިދަފަތި ދެމުމަށް ވަނީ އަންގާފައެވެ.

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ތިން ޕާޓީއަކުން ބެނާ ދަމާފައިވެއެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަދި އެމްއެންޕީއެވެ.

ކަދުރު ރުއްތަކުގައި ބެނާ ދަމާފައި / ފޮޓޯ: ދަ ޕްރެސް

މާލެ ފެހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި އިންދި ކަދުރު ރުއްތަކަކީ ރާއްޖޭގައި ރެކޯޑްކޮށްފައިވާ 583 ބާވަތުގެ ގަހުގެ ތެރޭގައި ހިމެނޭ އާންމުކޮށް ހެދޭ ބާވަތުގެ ގަހެއް ނޫނެވެ.

މާލޭ އެކި ސަރަހައްދުތަކުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގެ އަގު ވަކިން އެނގެން ނެތް ނަމަވެސް 300 އެއްހާ މޭވާ ގަހާއި އެކު ޖުމްލަ އަގު ދެމިލިއަނަށް އަރައެވެ.